24 އޮކްޓޯބަރ 2025 - 10:38

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ގަތަރު އެއާވޭޒްގެ ޕްރައިޓް ޖެޓެއްގައި ސްވިޒަލެންޑުގެ ޒިއުރިކުން ސީދާ ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.

މިވަގުތު ގައުމުން ބޭރުގައި ހުންނެވުމުގެ ސަބަބުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުނެވެ.
އިންފަންޓީނޯ އަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް އޮތީ އެއާޕޯޓުގެ ވީއައިޕީ ލޯންޖުގެ ކުރިމަތީގަ އެވެ. އެގޮތުން އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި، ކްލަބްތަކުގެ އިސްވެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އިންފަންޓީނޯ އެތަނަށް ނުކުތުމުން ރާއްޖޭގެ އެކަޑަމީތަކުގެ ކުޅުންތެރިން ވަނީ ދިދަތައް ވިހުރާލައި ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެވަގުތު އިންފަންޓީނޯ ވަނީ ވަރަށް ގިނަ ކުދިންނަށް އޮޓޯގްރާފް ދީފަ އެވެ. އަދި އިންފަންޓީނޯގެ ޝަރަފުގައި އެތަނުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ އައިޓަތްތަކެއް ކުރިއަށް ދިޔަ އެވެ.
އެއް ދުވަހުގެ މި ދަތުރުގައި އެންމެ މުހިއްމު ކަމަކަށް އޮތީ، މިއަދު ރައީސް އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު އިންފަންޓީނޯ ބާއްވަވާ ބައްދަލުކުރެއްވުމެވެ. މި މަޝްވަރާގައި ދެ ބޭފުޅުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވާނެ އެވެ.
އެއަށް ފަހު ދެ ބޭފުޅުން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ ފުޓްބޯޅަ އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަންނަވާ އެވެ. މި އެގްޒިބިޝަނުގައި ރައީސްގެ ޓީމަކާއި، އިންފަންޓީނޯގެ ޓީމަކުން މެޗެއް ވެސް ކުޅޭނެ އެވެ. އިންފަންޓީނޯގެ ޓީމުގައި އޭނާގެ އިތުރުން އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ އާއި އެފްއޭއެމްގެ ރައީސް ޓޮމް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.
ރައީސްގެ ޓީމަށް ރައީސް ކުޅުއްވާނެ އެވެ. އެކަމަކު އެ ޓީމުގައި ދެން ހިމެނޭ ބޭފުޅުންގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ މެޗަށް ފަހު ދެން އޮންނާނީ ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ މެޗުތަކެކެވެ.
އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކައް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފަ އެވެ.
ފީފާގެ ރައީސަކު މީގެ ކުރިން ރާއްޖެ އަށް ވަޑައިގަތީ 2006 ގަ އެވެ. އޭރުގެ ރައީސް ސެޕް ބްލެޓާ ވަޑައިގަތީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.
މި ފަހަރު މިއީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެ، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް ޓޮމް އެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.