24 އޮކްޓޯބަރ 2025 - 08:37

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބަލަން މާދަމާ ބާއްވާ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ އިިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް އަމަކުކުރާ އުސޫލުން އެ ފޮއްޓެއްގެ ކައިރީގައި ވަގުތުން އިއުލާން ކުރަމުން ގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އީސީގެ އިސް އޮފިޝަލަކު ވިދާޅުވީ، މާދަމާގެ ވޯޓުގެ ނަތީޖާ ސާފުކޮށް ނިމޭވަރަކުން އެ ފޮޓެއްގެ ކައިރީގައި އެ ކޮމިޝަންގެ އޮފިޝަލުން އިއުލާން ކުރާނެ ކަމަށެވެ. އަދި ހުރިހާ ފޮއްޓެއްގެ ވޯޓު ގުނައި ނިމުމުން ވަގުތީ ނަތީޖާ މާދަމާ ރޭ އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ފޮއްޓެއްގެ ވޯޓު ސާފުކޮށް ނިމުމުން ވަގުތީ ނަތީޖާ އިއުލާން ކުރުން ވެސް އޮންނާނީ އައްޑޫގައި،" އޮފިޝަލް ވިދާޅުވި އެވެ.
މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމްގައި ވޯޓު ނެގުން އޮންނާނީ އީސީން އިއުލާން ކޮށްފައިވާ ގޮތުން މާދަމާގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.
މާލެ އާއި އައްޑޫގެ ތިން ރަށުގައި 18 ވޯޓު ފޮށި މި ރިފަރެންޑަމަށް ބަހައްޓާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އައްޑޫގެ ރިފަރެންޑަމްގެ ވޯޓާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކަށް އީސީގެ ރައީސް ޒާހިދާއި ބައެއް މެމްބަރުން އަދި އެ ވޯޓުގެ އިންތިޒާމުތަކާ ގުޅޭ މުވައްޒަފުން މިހާރު ތިއްބެވީ އެ ސިޓީގަ އެވެ.