24 އޮކްޓޯބަރ 2025 - 07:33

ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ޝޯއެއް އަންނަ އަހަރު އިންޑިއާގައި ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ބީޓީއެސް އިން މިހާރު އަންނަނީ އެ ބޭންޑުގެ ވޯލްޑް ޓުއާއެއް އަންނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި އެ ޓުއާގެ ދަށުން ދުނިޔޭގެ 20 ސިޓީއެއްގައި އެ ބޭންޑުން ޝޯ ދޭނެ އެވެ.
އެ ބޭންޑުން ޝޯ ދޭ ސިޓީތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީ ވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
މުމްބާއީގެ އިތުރުން ބެންކޮކާއި މަނީލާ އާއި ހޮން ކޮންގް އާއި ޖަކާޓާ އަދި ސިޑްނީ ކަހަލަ ސިޓީތަކުގައި އެ ބޭންޑުން މިފަހަރު ޝޯ ދޭނެ ކަމަށް ބެލެވެ އެވެ. އަދި ސިންގަޕޫރުގައި ވެސް ޝޯއެއް ބާއްވާނެ ކަމަށްވެ އެވެ.
ނަމަވެސް، އެ ބޭންޑުން މިހާތަނަށް މި ޚަބަރު ކަށަވަރުކޮށްދީފައި ނުވެ އެވެ.
އިންޑިއާގައި ތިބި "އާމީ" ފޭނުންނަށްޓަކާ އެ ގައުމުގައި ޕާފޯމްކުރަން ބޭނުންވާ ކަމަށް ބީޓީއެސްގެ ހުރިހާ މެމްބަރުން ވެސް ކުރިން ބުނެފައިވެ އެވެ. އެ ބޭންޑުން 2020 ވަނަ އަހަރު ވެސް އިންޑިއާގައި ޝޯއެއް ބާއްވަން އުޅުނު ނަމަވެސް، ކޮވިޑާއެކު އެ ތައްޔާރީތައް ކުރިއަށް ނުދިޔަ އެވެ.
އިންޑިއާގައި ބީޓީއެސްގެ ޝޯއެއް ބާއްވާނެ ކަމަށް ރިޕޯޓްކުރި އިރު، އެ ބޭންޑް މެނޭޖުކުރާ އެޖެންސީ ހައިބް އިން ދެކުނު އޭޝިއާގައި އެތަނުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން އޯވަސީސް ހެޑްކުއާޓަރެއް މި އަހަރު މުމްބާއީގައި ވަނީ ހުޅުވައިފަ އެވެ.
ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ހުރިހާ ލަވަކިޔުންތެރިން މިހާރު ވަނީ ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުންނަށް ގާނޫނުން ލާޒިމުކުރާ ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެއާ އެކު އެ ބޭންޑުގެ ރީޔުނިއަން އާއި އާ އަލްބަމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.