23 އޮކްޓޯބަރ 2025 - 23:59

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ބައިވެރިވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ރައީސް އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުގެ ޕްރޮގްރާމުގެ ތެރޭ ހިމެނިގެން ގަލޮޅު ދަނޑުގައި މާދަމާ ހަވީރު އޮންނަ އެގްޒިބިޝަން މެޗުތަކުގެ ތެރެއިން، މި ހާއްސަ މެޗުގައި ބައްދަލުކުރާނީ އިންފަންޓީނޯގެ ޓީމަކާއި، ރައީސްގެ ޓީމެކެވެެ. ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.

އިންފަންޓީނޯގެ ޓީމުގައި އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު މަޓެރާޒީގެ އިތުރުން ފީފާގެ ބައެއް އިސްވެރިންނާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.
އޭގެ ތެރޭގައި ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރަފްސްޓްރުމް އާއި ފީފާ އެގްޒެކެޓިވް އޮފީހުގެ މެނޭޖަރު ޖިއާނީ މަންކާ އާއި ފީފާ ކޮމިއުނިކޭޝަންސް އެޑްވައިޒަރު އޮނޮފްރޭ ކޮސްޓާ ހިމެނެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް ޓޮމްގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރު އާއި އިމްރާން މުހައްމަދު ވެސް ހިމެނެނީ އިންފަންޓީނޯގެ ޓީމުގަ އެވެ.
ރާއްޖޭން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލް ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި ގައުމީ ޓީމަށް އެންމެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ އަލީ ޝިހާމް (ހުރާ އައްޔަ) ވެސް އެ ޓީމުގައި ހިމެނެ އެވެ. އެފްއޭއެމްގެ ނައިބް ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި، ނިއު ރޭޑިއަންޓުގެ ކޯޗު އަލީ ސުޒޭން ވެސް ކުޅޭނީ އިންފަންޓީނޯގެ ޓީމަށެވެ.
ރައީސް މުއިއްޒުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މި މެޗުގެ އެންމެ ހާއްސަ ކުޅުންތެރިޔާ މަޓެރާޒީ ގިނަ ބަޔަކު ދަންނަނީ 2006 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި ފްރާންސްގެ ކެޕްޓަން ޒައިނުއްދީން ޒިދާން ބޮލުން ހަމަލާ ދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޒިދާންގެ ކެރިއަރު ނިމުނީ އެ ހަމަލާއާ ގުޅިގެން ދެއްކި ރަތްކާޑާ އެކު އެވެ. އެ މެޗުގައި ފްރާންސަށް ޒިދާން ލީޑު ނަގައިދިނީ މަޓެރާޒީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އިޓަލީ އެއްވަރުކުރި ގޯލް ޖެހީ ވެސް މަޓެރާޒީ އެވެ. އިޓަލީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
އެ ފަހަރު އަލެސަންދްރޯ ނެސްޓާ އަށް އަނިޔާވުމުން ފުރަތަމަ އެގާރައިން ޖާގަ ލިބެން ފެށި މަޓެރާޒީ ވަނީ ކްލަބް ލެވެލްގައި އިޓަލީގެ އިންޓަ މިލާނާ އެކު އިޓާލިއަން ލީގު ފަސް ފަހަރު، އަދި ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ކުރީގެ ކުޅުންތެރިން ބައިވެރިކުރެ އެވެ.
މި ދަތުރުގެ އެންމެ މުހިއްމު އެޖެންޑާ އަކީ ރައީސް މުއިއްޒާ އެކު ބާއްވަވާ ބައްދަލުކުރެއްވުމެވެ. އެފްއޭއެމުން ބުނީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.
ފީފާގެ ރައީސަކު މީގެ ކުރިން ރާއްޖެ އަށް ވަޑައިގަތީ 2006 ގަ އެވެ. އޭރުގެ ރައީސް ސެޕް ބްލެޓާ ވަޑައިގަތީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.
އިންފަންޓީނޯ ވަނީ 2022 ގެ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ދަތުރެެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމަކު އެ ފަހަރު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.
މި ފަހަރު މިއީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ ފުޅައަޅައި، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.