ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަޝިޕްގެ 20 މަގާމަކަށް 50 ބޭފުޅުން ކުރިމަތިލެއްވި އިރު އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވައި، އެ މަގާމު އެ މަނިކުފާނަށް ދޫކޮށްލައިފި އެވެ.

ޕީއެންއެފުން ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގަ އެވެ.

އެ އިއުލާނުގައިވާ ގޮތުން ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބު ރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.

ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ޕާޓީގެ 20 މަގާމަކަށް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ ހަވީރު 6:00 އަށް ހަމަވިއިރު، 55 ބޭފުޅުން ކުރިމަތިލެއްވި އެވެ.

"މިހާ ގިނަ ބޭފުޅުން ކުރިމަތިލެއްވުމުން ހާމަވަނީ ޕާޓީއާ މެދު އޮތް ޝައުގުވެރިކަން އަދި ޕާޓީއާ މެދު ކުރާ އުންމީދު،" މަލީހް ވިދާޅުވި އެވެ.

ޕީއެންއެފް އަކީ ކުރީގެ ރައީސް ޔާމީނު އިސްވެ ހުންނަވައި، އުފެއްދި ޕީޕީއެމާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންސީ އެކުވެގެން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ.

ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީ އަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.