23 އޮކްޓޯބަރ 2025 - 20:25

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަަގަށް ނަގައިގެން އުފުލި އިރު އެކަން ހިންގި ދޯނީގައި ކެޕްޓަނަކަށް ހުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް ހަފުތާއަކަށް ބަންދުކޮށްފި އެވެ.
ސިނގިރެޓް ކޮންޓެއިނާ އުފުލި އިރު ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ. ހައްޔަރު ކުރި އިރު އޭނާ ދިރިއުޅެމުން ދިޔައީ އެމްޕީއެލްގެ މުވައްޒްފުންނަށް ހުޅުމާލެ2 ގައި އަޅާފައިވާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ އެޕާޓްމަންޓެއްގަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ ވައްކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އޭނާއަށް ކުރަނީ ޖިނާއީ ބޮޑު ކުށެެއްގެ ތުހުމަތެވެ. އޭނާގެ ބަންދުގެ މުއްދަތަށް އެންމެ ހަތް ދުވަސް ޖެހީ އެ އަމުރުގައިވާ ގޮތުން، ދިފާއީ ވަކީލާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ދިފާއީ ވަކީލު އެދިގެންނެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ހުރީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގަ އެވެ. އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މީގެ ކުރިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
ދޯނި ކެޕްޓަން ހައްޔަރުކުރުމުން، އެ މައްސަލާގައި މިހާރު ވަނީ ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ އާދަމް ވަހީދު (ދިގަލި) ހަސަން އަބްދުއްރަހްމާނުގެ އިތުރުން ލޮޓަސް އަހުމަދު އާރިފް (އާއްޓޭ)، އާއި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، 48، އެވެ.
އެ މައްސަލާގައި ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވެ އެވެ. ދިގަލީގެ ވެސް ތުހުމަތަކީ އެ ވައްކަމަށް ފަންޑުކުރުމެވެ.
މުއާޒުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މީހުންނަށް ކުރަނީ "ވަގަށް ބޭރު ކުރުމުގެ އޮޕަރޭޝަން"ގައި ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވިކަމުގެ ތުހުމަތެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ފުރުން މަނާކޮށްފައިވެ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެ އެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވަގަށް ނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ. އެ ތަކެތި އެތަނުގައި ބަހައްޓާފައި ހުރީ ތަހުގީގު ނުނިމޭތީ އެވެ.