23 އޮކްޓޯބަރ 2025 - 17:53

ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ޓަކައި ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

އެ އެލްއޯއީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ ބޮޑުބައެއް ހަރަދުކުރާނީ މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ކުރިން ބުނެފަ އެވެ.
އެ މަސައްކަތުގެ ފީޒިބިލިޓީ ހެދުމަށް ޓަކައި މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނާއާ އެކު އެލްއޯއީއެއްްގައި ސޮއިކުރި އެވެ.