ދަރިވަރެއްގެ ގެއަށް ގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް
ދަރިވަރެއްގެ ގެއަށް ގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް

ދަރިވަރެއްގެ ގެއަށް ގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ދިވެހި ޓީޗަރު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މައްސަލާގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ ސްކޫލެއްގެ ފިރިހެން ޓީޗަރެކެވެ. އެ މައްސަލާގައި އަނިޔާލިބުނު ކުއްޖާގެ ގެއަށް އޭނާ ދިޔައީ ޓިއުޝަން ދޭން ކަމަށް، މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެ އެވެ.

އެ ހާދިސާ ހިނގިއިރު އެ ގޭގައި އެހެން ބަޔަކު ތިބި ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެ އެވެ.

ނަމަވެސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ކުއްޖާގެ އާއިލާއިން ކަމަށް ވަނީ އެނގިފަ އެވެ. އަދި ރިޕޯޓް ކުރިއިރު ޓީޗަރު އެ ގެެއިން ނުކުމެގެން ގޮސްފައިވާ ކަމަށާއި އެކަމަކު މަގުމަތިން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ވެސް އެނގިފަ އެވެ.