23 އޮކްޓޯބަރ 2025 - 15:48

ސައޫދީ އަރަބިއްޔާގެ އިސް މުފްތީއަކަށް ޝައިޚް ޑރ. ސާލިހް ބިން ފައުޒާން ބިން އަބްދުﷲ އަލް ފައުޒާން އައްޔަންކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނީ އުމުރުފުޅުން 90 އަހަރުގެ ޑރ. ސާލިހް ބިން ފައުޒާން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ހުށަހެޅުއްވުމަކަށް، ޝާހީ ގަރާރަކުން ކަމަށެވެ.
މި މަގާމަށް ޝައިޚް އަލް ފައުޒާން އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ގަރާރުގައިވާ ގޮތުން ޝައިޚް އަލް ފައުޒާން، ކައުންސިލް އޮފް ސީނިއާ ސްކޮލާސްގެ ޗެއާމަންގެ މަގާމާއި، ޖެނެރަލް ޕްރެޒިޑެންސީ ފޮ ސްކޮލަލީ ރިސާޗް އެންޑް އިފްތާގެ ރައީސްކަން ވެސް ކުރައްވާނެ އެވެ. އެ މަގާމުތަކުގައި ހުންނަވަނީ ވަޒީރެއްގެ ފެންވަރުގައި ކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ޝައިޚް އަލް ފައުޒާން އަކީ ޝަރީއާ އެންޑް ލޯ އިން މާސްޓާސް ހެއްދެވި އިރު އިސްލާމް ދީނުގައި މުދާ ވާރުތަވާ ބެހޭ ގޮތުން ހާއްސަވެ ވަޑައިގެންނެވި ބޭފުޅެކެވެ. އަދި ޕީއެޗްޑީގައި ހާއްސަވެ ވަޑައިގަތީ ކާބޯތަކެތި ހަލާލް އަދި ހަރާމްވުން އިސްލާމް ދީނުގައި ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ.
ޝައިޚް އަލް ފައުޒާން އަކީ ތައުލީމީ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސައިންޓިފިކް އިންސްޓިޓިއުޓްގައި ދެ އަހަރު ކިޔަވައިދެއްވާފައި ވާއިރު އޭގެ ކުރިން ކޮލެޖް އޮފް ޝަރީއާގައި ކިޔަވައިދެއްވި އެވެ. އަދި ހަޔަ އިންސްޓިޓިއުޓް އޮފް ޖުޑިޝަރީގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.
އިލްމީ މަސައްކަތްތަކުގެ އިތުރުން، ޝައިޚް އަލްފައުޒާން ފާހަގަކުރެވިފައިވަނީ މައްކާގެ ކައުންސިލް އޮފް ސީނިއާ ސްކޮލާސް އާއި ފިގުހު ކައުންސިލް ފަދަ މުހިންމު ދީނީ މުއައްސަސާތަކުގައި ކުރައްވާފައިވާ މަސައްކަތުންނެވެ. އަދި ހައްޖު މޫސުމުގައި ދީނީ ވައުޟު ދިނުމުގެ ޕްރޮރާމްތައް ހިންގުމުގެ ކަންކަން އިންތިޒާމްކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވެ އެވެ.