23 އޮކްޓޯބަރ 2025 - 16:10

އައްޑޫ ހިތަދޫގައި ރޭ ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ހެދުމާމެދު ގޮތެއް ނުނިންމޭތީ އެ މީހުންގެ ހަށިގަނޑު ވަޅުނުލެވި، ދިގުލައިގެން ހިނގައްޖެ އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް އާއިލާއިން ވަނީ ޕޯސްޓުމޯޓަމް ހެދުމާ ދެކޮޅު ހަދައި، ވީހާ ވެސް އަވަހަކަށް ހަށިގަނޑު ހަވާލު ކޮށްދިނުމަށް އެދިފަ އެވެ. އެކަމުގައި ވަކި ގޮތެއް ނުނިންމާތީ ދެ ހަށިގަނޑު ވެސް ބާއްވާފައި އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މޯޗަރީގަ އެވެ. ފުލުހުންގެ ބަހެއް އަދި މިކަމާ ގުޅޭ ގޮތުން ނުލިބެ އެވެ.
އެ ދެމަފިރިން ނިޔާވި ޚަބަރާއެކު، އެ ގެއަށް ވަން މީހަކު "މިހާރު" އަށް ރޭ ކިޔައިދިން ގޮތުގައި ދެ މީހުން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެން މީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އެކަމަކު، ފުލުހުން ރޭ ބުނީ އެހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ. އެކަމަކު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
"ބޮޑަށް ބެލެވެނީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު [ކަރަންޓުގައި ޖެހިގެން] މަރުވީ ކަމަށް. ދެ މީހުންގެ ދެބޯ ޖެހިފައި ތިބީ. ގެއަށް ވަންއިރު ގޭގައި ކަރަންޓެއް ނެތް،" އޭނާ ކިޔައިދިނެވެ.
އެ ދެމަފިރިން އެ ގެ ހަދައިގެން ބަދަލުވީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެ ސަރަހައްދަށް އަދި ކަރަންޓް ނުލާތީ އެ ގެއަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަ ޖަނަރޭޓަރަކުންނެވެ.
ބައެއް ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި ދެމަފިރިން ނިޔާވީ ޖަނެރޭޓަރުގެ ދުމުގެ އަސަރު ކޮށްގެންނެވެ.