ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން ބޭންކަށް ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި
ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން ބޭންކަށް ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި

ލޯނެއް ނުދެއްކުމުން ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލް އަށް ދީފައިވާ ހުއްދަ ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

ހެވީލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ. އެ ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ.

އެ ހުއްދައާ އެއްގޮތަށް ބީއެމްއެލްއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެ ތިން ރަށް ވިއްކާލަން އިއުލާންކޮށްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދަ ބާތިލްކުރަން ހެވީލޯޑް ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.

އެ މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ރަށްތައް ވިއްކާލުން މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރެއް ވެސް އޮތީ ނެރެފަ އެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރަށްތައް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ވިއްކާލުމުގެ ހުއްދަ ދިނުމުގައި އަގު ކަނޑައަޅާފައިވަނީ ހަމައެކަނި ބީއެމްއެލް އިން ހުށަހެޅި އަގަށް ބަލައިގެން ކަމަށްވާތީ އެވެ.

އެ މައްސަލާގައި ރަހުނުގެ އަގު ހެވީލޯޑުން އަދި ބޭންކުން ވެސް ކޯޓަށް ހުށަހެޅިއިރު، އެ ދެ އަގުގައި ބޮޑު ފަރަގެއް އޮތެވެ. ނަމަވެސް، ޝަރުއީ އަގު ކޮމިޓީގެ މަސައްކަތް ނުފެށި ލަސްވެ ދެ އަހަރާއި ހަތް މަސް ފާއިތުވެފައިވާތީ ސިވިލް ކޯޓުން ނިންމީ އެއީ ބޭންކަށް ލިބޭ ގެއްލުމެއްގެ ގޮތުގަ އެވެ.

އެހެންވެ، ބޭންކުން ހުށަހެޅި އަގަށް ރިއާޔަތްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދޭން ސިވިލް ކޯޓުން ނިންމާފައިވީ ނަމަވެސް، ހައި ކޯޓުގެ ހުކުމުގައިވަނީ ހަސްމުންގެ އެއްވެސް އިހުމާލެއް ނެތި، ޝަރުއީ އަގު ކޮމިޓީން މުދާ އަގުކުރުމުގައި ލަސްތަކެއްވާ ނަމަ، ކޯޓުން ކުރަންޖެހޭ ކަމަކީ އެ މަސައްކަތް އަވަސް ކުރުވުން ކަމަށެވެ.

"ހަސްމުންގެ އިހުމާލެއް ނެތް ހާލަތުގައި އެކަން ނުކުރެވުނު ކަމަށް ބަޔާންކޮށް މަދަނީ އިޖުރާއަތު ފުރިހަމަ ކުރުމެއް ނެތި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ ރަނގަޅު ގޮތެއް ކަމުގައި ބެލެވޭކަށް ނެތް،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ބީއެމްއެލްއިން ވިއްކާލަން އޭރު އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އަދި ކުޑަފަރެހަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.

ފަރެސް އައިލެންޑާއި ކުޑަ ފަރެސްގައި މިހާރު ހިންގަމުންދާ ރަހާ ރިސޯޓުގައި 100 ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކާއި ޑައިވިން އާއި ސްޕާގެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެ އެވެ.