23 އޮކްޓޯބަރ 2025 - 12:50

މީޑިއާ ކޮމިޝަންގެ ރައީސަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކޮމިޝަނުގެ ހަތް މެންބަރުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު އެ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތު ކަމަށެވެ.
އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.
ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރި ނަމަވެސް، ރައީސަކަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެކަމަކު ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.
މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން މިއަދު ކުރި އިންޓަވިއުގައި ކޮމިޓީގެ މެންބަރުން ގިނަ ސުވާލުކުރެއްވީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަންފީޒުކުރެވޭނެ މިންވަރާ ބެހޭ ގޮތުންނެވެ.
އެ ގާނޫނު ތަންފީޒުކުރުމުގައި ރައްޔިތުން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވޭނެތޯ ވެސް އިންޓަވިއުގައި މެންބަރުން ސުވާލުކުރެއްވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.