ދަގަނޑޭގެ ކަކޫ އޮޕަރޭޝަންކޮށްފި، ކުޅެން ނުކުންނަން ދެ މަސް ނަގާނެ
ދަގަނޑޭގެ ކަކޫ އޮޕަރޭޝަންކޮށްފި، ކުޅެން ނުކުންނަން ދެ މަސް ނަގާނެ

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާގެ މައްސަލައަކަށް ފަރުވާ ހޯދަން ޓްރީޓޮޕް ހޮސްޕިޓަލުގައި އިއްޔެ އޮޕަރޭޝަނެއްކޮށްފި އެވެ.

މީގެ ހައެއްކަ އަހަރު ކުރީއްސުރެ އޭނާ ތަހައްމަލުކުރަމުން އަންނަ ކަކުލުގެ އަނިޔާ އަށް ފަރުވާ ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާގައި އޭސީއެލް އޮޕަރޭޝަނެއްކުރި އެވެ. އޭގެ ފަހުން ރިކަވާވެގެން ބައެއް ފުޓްސަލް މުބާރާތްތަކުގައި ވެސް ކުޅުނެވެ. އަދި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުއާ އެކު ސޮއިކޮށް ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެން ތައްޔާރުވި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ ދެ މެޗުގައި އޭނާ ބެންޗުން ވެސް ފެނުނެވެ. ނިއުގެ ކޯޗު އަލީ ސުޒޭން އޭރު ބުނީ މިދިޔަ އިންޓަނޭޝަނަލް ބްރޭކަށް ފަހު ދަގަނޑޭ ކުޅެން ނުކުންނާނެ ކަމަށެވެ.

އެކަމަކު، ކަކުލުގެ ތަތު އެއްކޮށް ނުކެނޑޭތީ އިތުރު އޮޕަރޭޝަނެއް ކުރީ އެވެ. ސުޒޭން ބުނީ ދަގަނޑޭ މަސައްކަތްކުރީ އިތުރު އޮޕަރޭޝަނެއް ނުކޮށް ނޮން-ސާޖިކަލީ ފިޓްވެ ކުޅެން ނުކުންނަން ކަމަށެވެ. އެކަމަކު އެކަން ކާމިޔާބުނުވުމުން މެނިސްކަސް އޮޕަރޭޝަންކުރީ އެވެ.

ދަގަނޑޭ "މިހާރު" އަށް ބުނީ ދެ މަހެއްހާ ދުވަސްތެރޭ ފިޓްވެ ކުޅެން ނުކުމެވޭނެ ކަމަށެވެ.

"މި ފަހަރު މަސައްކަތްކުރާނީ އެއްކޮށް ރިކަވާވެގެން، މުޅިން ފިޓްވެގެން ކުޅެން ނުކުންނަން،" ދަގަނޑޭ ބުންޏެވެ.

މިދިޔަ އަހަރުތަކުގައި ދަގަނޑޭ ގައުމީ ޓީމާއި ކްލަބް ލެވަލްގައި ބައެއް މެޗުތައް ކުޅުނީ އަނިޔާގެ ވޭނާ އެކު އެވެ. މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅުނީ ވެސް އަނިޔާގެ މައްސަލަތަކާ އެކު އެވެ. އޭނާގެ އަނިޔާ އިތުރަށް ގޯސްވީ، 2022 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ސީޒަން ހުޅުވި މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު، ކްލަބް ލެވެލްގެ އެއްވެސް މެޗެއް ނުކުޅެ އެވެ. ދަގަނޑޭ އެ އެ އަހަރު ދެން ކުޅުނީ ގައުމީ ޓީމަށް އެކަންޏެވެ. އޭގެ ފަހުން ފިޓްވޭތޯ، ދުވާ ކޯޗު ނަސްރުﷲ އަހުމަދާ އެކު ބައެއް ތަމްރީންތައް ވެސް ހެދި އެވެ.

އެ ފަހަރު އަލުން ފިޓްވެ، ދެން އޭނާ ކުޅުނީ 2023 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު އޭޕްރިލް މަހު ޕްރެޒިޑެންޓްސް ކަޕުގައި ކުޅެނިކޮށް އަނެއްކާ ވެސް ކަކުލަށް އަނިޔާވީ އެވެ.

ވެލެންސިއާ އިން އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ، 40، މިހާރު ގުނަމުން އަންނަނީ އޭނާގެ ކެރިއަރުގެ ފަހު ދުވަސްތަކެކެވެ. އެކަމަކު އޭގެ ކުރިން މަތީ ފެންވަރުގައި އަދި ކުޅެން އޭނާ ބޭނުންވެ އެވެ.

ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދަގަނޑޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ރަންބޫޓު ރެކޯޑް އަދަދަކަށް ހޯދައިފަ އެވެ. އަދި ލަނޑު ޖެހުމުގައި ނިސްބަތުން އޭނާގެ ރެކޯޑް އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު ފޯވާޑުންނާ އެކު އެއް ލެވެލެއްގަ އެވެ.