ނިޔާޒު އިސްތިއުފާ ދެއްވުމުން ޖޭއެސްސީގެ ނައިބު ރައީސަކަށް ޔަޒްމީދު
ނިޔާޒު އިސްތިއުފާ ދެއްވުމުން ޖޭއެސްސީގެ ނައިބު ރައީސަކަށް ޔަޒްމީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުން ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފި އެވެ.

ޖޭއެސްއެސްސީގެ ނައިބު ރައީސްގެ މަގާމުން، އެ ކޮމިޝަންގައި ހައިކޯޓު ތަމްސީލު ކުރައްވާ ނިޔާޒު އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އޭގެ ފަހުން، ޖޭއެސްސީން އިއްޔެ ބޭއްވި ޖަލްސާގައި ވަނީ އެ މަގާމަށް، ރައީސްގެ މެމްބަރުގެ ގޮތުގައި އައްޔަންކުރައްވާފައިވާ ޔަޒްމީދު ހޮވައިފަ އެވެ.

ޔަޒްމީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ ފެބުރުއަރީ 23، 2025 ގަ އެވެ.

ނިޔާޒަކީ މެއި 11، 2022 އިން ފެށިގެން ޖޭއެސްސީގެ މެމްބަރެކެވެ. ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަންކުރެއްވީ މާޗު 20، 2024 ގަ އެވެ.

އެ ކޮމިޝަންގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.

ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ޖޭއެސްސީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ މާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު، ހުސެއިން ރިޒާ އެވެ.