ރޮނާލްޑޯ ނެތި ކުޅުނު ނަސްރު އަށް ގޯއާ އަތުން މޮޅުވެވުނީ ކިރިޔާ
ރޮނާލްޑޯ ނެތި ކުޅުނު ނަސްރު އަށް ގޯއާ އަތުން މޮޅުވެވުނީ ކިރިޔާ

ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ކުޅުނު ސައޫދީ އަރަބިއްޔާގެ އައް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ އިންޑިއާގެ އެފްސީ ގޯއާ އަތުން ހަނި ގޮތަކަށް 2-1 އިން މޮޅުވެއްޖެ އެވެ.

ގޯއާގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ސަމާލުކަން ބޮޑުވީ ރޮނާލްޑޯގެ ސަބަބުންނެވެ. އޭނާގެ ކުޅުން ހަމަލޮލުން ދެކިލަން ގިނަ ބަޔަކު ވަނީ ބޮޑު އަގުގައި ޓިކެޓް ވެސް ނަގައިފަ އެވެ. އެކަމަކު ރޮނާލްޑޯ ނިންމީ މި މެޗުގައި ނުކުޅޭށެވެ.

ނަސްރު ޓީމުގައި އެ ނޫން ވެސް ގިނަ އަދަދަކަށް ސުޕަސްޓާރުން ތިބި ނަމަވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި ކުޅުނު އިނިގޯ މާޓިނޭޒް އެކަންޏެވެވެ. ސަޑިއޯ މާނޭ އާއި ޔޮއާ ފެލިކްސް އާއި މުހައްމަދު ސިމާކަން އެރީ ފަހުންނެވެ. ކިންގްސްލީ ކޯމަން އެއްގޮތަކަށް ވެސް ނުކުޅެ އެވެ.

މި މެޗު ބެލުމަށް 60،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމަށް 45،000 މީހުން ވަނެވެ. މި ދަނޑުގައި ދާދި ފަހުން އިންޑިއާ އާއި ސިންގަޕޫރު ކުޅުނު މެޗަށް ވަނީ ދެހާހެއްހާ މީހުންނެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ނަސްރު އަށް ލީޑު ނަގައިދިނީ ބްރެޒިލް ފޯވާޑް އެންޖެލޯ ގެބްރިއެލް އެވެ. އަދި ދެ ވަނަ ގޯލް 27 ވަނަ މިނެޓުގައި ޖެހީ ސައޫދީ ފޯވާޑް ހާރޫން ކަމާރާ އެވެ. ގޯއާ އަށް ތަފާތު ކުޑަކޮށްދިނީ 41 ވަނަ މިނެޓުގައި އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ބްރިސަން ފެނާންޑޭޒް އެވެ.

އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުގެ ގްރޫޕް ޑީ ގައި ނަސްރު މިވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު އޮތީ ނުވަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ އިރާގުގެ އަލް-ޒަވާރާ އަތުން އިއްޔެ 2-1 އިން މޮޅުވި ތަޖިކިސްތާނުގެ އިސްތިކްލާލް އެވެ. ޒަވާރާ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ގޯއާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.