އެމެރިކާ ނުހިމަނައި ސީރިޔާގެ ސުލްހައިގެ އެއްބަސްވުމެއް ނެތް
އެމެރިކާ ނުހިމަނައި ސީރިޔާގެ ސުލްހައިގެ އެއްބަސްވުމެއް ނެތް

ޖެނީވާ - އެމެރިކާގެ ބައިވެރިވުމާ ނުލައި ސީރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލު ކުރުމަށް ހަރުދަނާ އެއްބަސްވުމެއް ގާއިމުކުރެވުމަކީ ދުރު ކަމެއް ކަމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ އިސް މަންދޫބު މުހައްމަދު ސަބްރާ ވިދާޅުވީ އެމެރިކާ ބައިވެރި ނުވުމަކީ، މިހާރު ކުރިއަށް ދާ ސުލްހައިގެ ވާހަތަކަށް ހުރި ނުރައްކަލެއް އަދި ގެއްލުމެއް ކަމަށެވެ. އަދި މިހާރު ސްވިޒަލޭންޑްގައި ކުރިއަށް ދާ ސުލްހައިގެ ވާހަކަތައް އޮތީ ހުއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ހަ އަހަރަށް ދެމިގެން ދިޔަ އިރު، އެ މައްސަލަ އަށް ސިޔާސީ ހައްލެއް ހޯދުމަށް މިހާތަނަށް ކުރި ހުރިހާ ޑިޕްލޮމެޓިކް މަސައްކަތެއް ވީ ނާކާމިޔާބެވެ. ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް މާޗް 2011 ގައި ފެށި މުޒާހަރާތައް ފުޅާވެ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައިވާ އިރު، މި ހަނގުރާމައިގެ ސަބަބުން 320،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފަ އެވެ.

ސީރިޔާގެ ދާޚިލީ ހަމަނުޖެހުމުގެ ތެރޭގައި އެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އެމެރިކާ އެވެ. ނަމަވެސް އެމެރިކާގެ ރައީސްގެ މަގާމަށް ޓްރަމްޕު ވަޑައިގަތުމާ އެކު ސީރިޔާގެ ހަމަނުޖެހުމުގައި އެމެރިކާގެ ދައުރު ކުޑަ ކުރުމަށް ނިންމުމުގެ ސަބަބުން، މި ވަގުތު ކުރިއަށް ދާ ސުލްހައިގެ ވާހަކަތަކުގައި އެމެރިކާ ބައިވެރިއެއް ނުވެ އެވެ.

އޭގެ ބަދަލުގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ދަނީ ރަޝިޔާގެ އިސްނެގުމުގެ މަތިން ރަޝިޔާގެ ބައިވެރިވުމާ އެކުގަ އެވެ.