23 އޮކްޓޯބަރ 2025 - 09:33

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 5-1 އިން މޮޅުވެ އިނގިރޭސި ގަދަބާރު ލިވަޕޫލުން ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި އެވެ.

މި ސީޒަނުގައި ވަރުގަދަ ސްކޮޑަކާ އެކު ނުކުމެ، ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ނެރުނު ލިވަޕޫލް މި މެޗުގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވީ އެވެ. މީގެ ކުރިން ޖެހިޖެހިގެން ހަތަރު މެޗުން އެ ޓީމު ބަލިވީ މީގެ 73 އަހަރު ކުރިންނެވެ. އެ ފަހަރު އެ ޓީމު ރެލިގޭޓްވި އެވެ.
ރޭގެ މެޗުގައި ވެސް ފުރަތަމަ ގޯލް ޖެހީ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ފްރެންކްފަޓުންނެވެ. ރަސްމުސް ކްރިސްޓެންސެން މެޗުގެ 26 ވަނަ މިނެޓުގައި ޖެހި ގޯލާ އެކު އެ ޓީމު ކުރީގައި އޮތް ނަމަވެސް ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ގޯލު ޖަހައިފަ އެވެ. ލަނޑު ޖެހީ ފްރެންކްފަޓުގެ ކުރީގެ ކުޅުންތެރިޔާ ހޫގޯ އެކިޓިކޭ އާއި، ވާޖިލް ވެން ޑައިކް އަދި އިބްރާހީމް ކޮނާޓޭ އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލުގެ އަނެއް ދެ ގޯލް ޖެހީ ކޯޑީ ގަޕްކޯ އާއި، ޑޮމިނިކް ޒޮބޮސްޒްލައީ އެވެ.
ބޮޑު އަގުގައި މި ސީޒަނުގައި ލިވަޕޫލަށް އެދެވޭ ކުޅުމެއް ނުދެއްކި ހުރި މިޑްފީލްޑަރު ފްލޮރިއަން ވާޓްޒް ވަނީ މި މެޗުގައި ދެ އެސިސްޓްކޮށްފަ އެވެ. ބޮޑު އަގުގައި ގެނައި ފޯވާޑް އެލެކްސެންޑާ އިސާކް މި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ނަމަވެސް، އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ޓީމުގެ ފުލްބެކް ޖެރެމީ ފްރިމްޕޮން އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ލިވަޕޫލް އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން 11 ވަނައިގައި އޮތީ ރޭ ނެދަލެންޑްސްގެ އަޔަކްސް އަތުން 5-1 އިން މޮޅުވި އިންގްލެންޑުގެ ޗެލްސީ އެވެ.
ސްޓެމްފޮޑް ބްރިޖުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި އަޔަކްސްގެ ކެނެތު ޓޭލާ އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެކަކު މަދުކޮށެވެ. ޗެލްސީ އަށް ލީޑު ނަގައިދިނީ ޖެހިގެން އައި މިނެޓުގައި މާކް ގުއިއޫ އެވެ. އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ މޮއިސް ކައިސޭޑޯ އެވެ. އޭގެ ފަހުން ޕެނަލްޓީއަކުން އަޔަކްސްގެ ވޫޓް ވެގޯސް ގޯލެއް ޖަހައި ތަފާތު ކުޑަކޮށްދިނެވެ. ޗެލްސީގެ އަނެއް ތިން ގޯލް ޖެހީ އެންޒޯ ފެނާންޑޭޒް އާއި އެސްޓެވޯ އަދި ޓައިރިކް ޖޯޖް އެވެ. މީގެ ތެރެއިން އެންޒޯ އާއި ޖޯޖް ލަނޑު ޖެހީ ޕެނަލްޓީންނެވެ.
ޗެމްޕިއަންސް ލީގުގައި ކޮންމެ ޓީމަކުން ކުޅެން ޖެހޭ ފުރަތަމަ ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވަނީ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ބެޔާން މިއުނިކާއި އިޓަލީގެ އިންޓަ މިލާނާއި އިންގްލެންޑުގެ އާސެނަލާއި ސްޕެއިނުގެ ރެއާލް މެޑްރިޑެވެ.
ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ޖަރުމަނުގެ ބެޔާ ލެވަކޫސަން އަތުން 7-2 އިން މޮޅުވި ޕީއެސްޖީ އެވެ. ދެ ވަނައިގައި އޮތީ ބެލްޖިއަމްގެ ބްރޫގާ އަތުން 4-0 އިން މޮޅުވި ބެޔާނެވެ. އަދި ތިން ވަނައިގައި އޮތީ ބެލްޖިއަމްގެ ޔޫނިއަން ސެއިން-ގްލިއޮއިސް އަތުން 4-0 އިން މޮޅުވި އިންޓަ އެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން ހަމަ އެ ނަތީޖާ އިން މޮޅުވި އާސެނަލެވެ. އަދި ފަސް ވަނައިގައި އޮތީ އިޓަލީގެ ޔުވެންޓަސް އަތުން 1-0 އިން މޮޅުވި ރެއާލެވެ.