އެސްއީޒެޑަށް ޓައުންޝިޕް- އިގުތިސާދީ މުޅިން އާ ވިސްނުމެއް
އެސްއީޒެޑަށް ޓައުންޝިޕް- އިގުތިސާދީ މުޅިން އާ ވިސްނުމެއް

ހާއްސަ އިމްތިޔާޒުތަކަކާއި އިނާޔަތްތަކެއް ލިބޭ ގޮތަށް ފ.އަތޮޅު ތަރައްގީކުރަން ސައުދީ ސަރުކާރުން ހުށަހެޅި ބޮޑު އިންވެސްޓްމެންޓް ގެނެވޭ ގޮތް ނުވީ އެކަމާ ގުޅުވައި އިދިކޮޅު ސިޔާސީ ވާހަކަތައް ގިނަވެ އިންވެސްޓަރުގެ އިތުބާރު ގެއްލުމުންނެވެ. ހާމަކަން ބޮޑު ގޮތެއްގައި އެކަމުގެ މަޝްވަރާތައް ކުރިއަށް ނުގެންދިއުމުން، އޭރުގެ އިދިކޮޅު ފަރާތްތަކަށް އެކަމުގެ ތަސައްވުރު ކިލަނބުކޮށްލުމުގެ ފުރުސަތު ލިބުނީ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން މާބޮޑު އިންވެސްޓްމަންޓެއް ނުގެނެވި، މަތާރަންފިލާ މަތީގައި ހިރަފުސް އަރާފައި އޮންނަ ލިއުމަކަށް އެ ގާނޫނު ވުމުގެ އެއް ސަބަބަކީ ފ.މަޝްރޫއު ފަނުފުލުން ދިއުން ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުން 2014 ވަނަ އަހަރު ފާސްކުރި އެ ގާނޫނަށް މިހާތަަނަށް ގެންނަ ފުރަތަމަ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހުގެ މައިގަނޑު އަމާޒަކީ އެ ގާނޫނުން ލިބިދޭ ހާއްސަ އިނާޔަތްތަކާ އެކު ހަމައެކަނި އިގްތިސާދީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ގާއިމްކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ އެސްޓެބްލިޝްމެންޓްތަކަށް އެ ގާނޫނުގެ ހިޔާވަހިކަން ދިނުމެވެ.

އެ އިސްލާހުގައި ތަސައްވުރުކޮށްފައިވާ "ސަސްޓެއިނަބުލް ޓައުންޝިޕް" ގާއިމްކުރުމުން ބޮޑު ފައިދާއެއް ވާނީ ހަމައެކަނި އިންވެސްޓަރަކަށް ނޫނެވެ. އެ ސަރަަހައްދުގައި ދިރިއުޅޭ ނުވަތަ އެ ސަރަހައްދަށް ހިޖުރަކުރާ އާބާދީއަށް ވެސް ބޮޑު ފައިދާއެއް ވާނެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި "ސަސްޓެއިނަބުލް ޓައުންޝިޕް" އަކީ ކޮބައިކަން ބަޔާންކުރަން އެ ގާނޫނުގެ 17 ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށްފައިވެ އެވެ. އިތުރުކުރާ 17.1 ގައިވާ ގޮތުން "ސަސްޓެއިނަބުލް ޓައުންޝިޕަކީ އެ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ، ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރުމެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގެ ދަށުން ހާއްސަ އިނާޔަތްތަކާ އެކު އުފައްދާ އިގްތިސާދީ ސަަރަހައްދަށް މީހުން ޝައުގުވެރިކުރުވާނެ ގިނަ ވަސީލަތްތަކެއް ގާއިމްކުރަން، މިފަހަރުގެ އިސްލާހުން ލާޒިމުކުރެ އެވެ. އެއީ:

1- ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަަރައްގީކުރާ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާ އެކު ގާއިމްކުރާ ލާޖްސްކެލް ރިއަލް-އެެސްޓޭޓް ޑިވެލޮޕްމެންޓް ޒޯނެއް.

2- ހޮސްޕިޓަލިޓީ ދާއިރާއިން މީހުން ތަމްރީނުކުރާ ބައިނަލް އަގުވާމީ ފެންވަރުގެ މަރުކަޒެއް.

3- ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް. [ހޮސްޕިޓަލެއް].

4- ކުނި މެނޭޖްކުރާ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ

5- ދެމެހެއްޓެނިވި، ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާ ކަލްޗާ ވަސީލަތެއް.

6- މީހުން ދިރިއުޅޭނެ ތަންތަން (ފްލެޓާއި ރޯހައުސް ފަދަ ތަންތަން).

7- ދިރިއުޅޭ އާބާދީއަށް ބޭނުންވާ ތައުލީމީ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް.

އެސްއީޒެޑް ގާނޫނަށް ގެންނަ އިސްލާހުގައި ހިމަނާފައިވާ މި ސިފަތައް ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދާ ރަސްމާލެ ގާއިމްކޮށް ނިމޭ އިރު އޮންނާނެ ކަމަށް ސަރުކާރުން ސިފަކުރާ ގޮތާ ވަރަށް އެއް ގޮތެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގެ ދަށުން ގާއިމްކުރާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިންވެސްޓަރަށް އެ ގާނޫނުގެ ދަށުން މިހާރު ވެސް ބޮޑެތި ލުއިތަކާއި އިނާޔަތްތައް ލިބެ އެވެ. ސަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރަން އިންވެސްޓްކުރާ ފަރާތްތަކަށް އޭގެ އިތުރުން ލުއިިތަކެއް ދޭން އެ ގާނޫނުގެ 70 ވަނަ މާއްދާއަށް ނަމްބަރެއް އިތުރުކުރަން އާ އިސްލާހުގައި ހުށަހަޅާފައި އެބަ އޮތެވެ. އެ ގާނޫނަށް 70.2 ގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ މާއްދާގައިވާ ގޮތުން ޓައުންޝިޕްގެ އިންވެސްޓަރުންނަށް ލިބޭ އެއް ލުޔަކީ، ސްޓްރާޓާ އުސޫލުން ވިލާތައް ވިއްކާފައި ދައްކަން ޖެހޭ ޕްރޮޕަޓީ ޓެކްސް ފުރަތަމަ ފަށާއިރު ވަރަށް ކުޑަކޮށް އޮތުމެވެ. އެއީ ފުރަތަމަ މުއަމަލާތުން 1 ޕަސެންޓް، ދެވަނަ މުއާމަލާތުން 2 ޕަސެންޓް އަދި ތިން ވަނަ އަދި އޭގެ ފަހުން ކުރާ ކޮންމެ މުއާމަލާތަކުން 4 ޕަސެންޓެވެ.

އާ އިސްލާހުގެ ދަށުން ގާއިމްކުރާ ޓައުންޝިޕްގައި ހިންގާ އިގުތިސާދީ ހަރަކާތްތަކުން ލިބޭ އާމްދަނީން ދައްކާ އިންކަމް ޓެކްސް ވެސް އޮތީ އެކި މަރުހަލާގައި އެކި ވަރަށްދޭ ލުއިތަކާ އެކު ދައްކާ ގޮތަށެވެ. އެ އިސްލާހުގައިވާ ގޮތުން ފުރަތަމަ 10 އަހަރު ދުވަހު އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނީ ފަސް ޕަސެންޓެވެ. އަދި 11 އަހަރުން ފެށިގެން 20 އަހަރާ ހަމަައަށް 10 ޕަސެންޓެވެ. ޓެކްސް ނެގުމުގެ ގާނޫނުގައި މިހާރު އޮތް ރޭޓުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ 21 ވަނަ އަހަރުން ފެށިގެންނެވެ.

އެ ލުއިތަކާ އެކުގައި ވެސް އިންކަމް ޓެކްސް ދައްކަން ޖެހޭނީ ސްޓްރާޓާ އުސޫލުން ވިލާ ވިއްކުމުގެ މުއާމަލާތްތައް ފިޔަވައި އެހެން މުއާމަލާތްތަކުންނެވެ.

އިސްލާހު ފާސްކޮށް އަމަލުކުރަން ފެށުމުން ލިބޭނެ ބޮޑު އަނެއް ލުޔަކީ ޓައުންޝިޕް ގާއިމްކުރަން އެތެރެކުރާ ކެޕިޓަލް ގުޑްސް އަށް ޑިއުޓީ ދައްކަން ނުޖެހުމެވެ.

މި ލުއިތަކާއި ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގައި މިހާރު ދީފައި ހުރި ލުއިތައް ވެސް ލިބޭނީ ޓައުންޝިޕް ގާއިމްކުރަން 500 މިލިއަން ޑޮލަރު ނުވަތަ އެއަށް ވުރެ އިތުރަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށެވެ.

މި އިސްލާހު ފާސްކޮށް އަމަލުކުރަން ފެށުމަކީ އިންވެެސްޓަރުން ޝައުގުވެރިވާނެ ކަމެއް ކަމަށް ބެލެވުނަސް، ކުރިން ވެސް އުފެއްދި ސުވާލުތަކާއި ޝައްކުތައް އިދިކޮޅު ފަރާތްތަކުން ވަނީ އަނެއްކާ ވެސް އުފައްދަން ފަށައިފަ އެވެ.

ނަމަވެސް، ބިލު ސްޕޮންސާކުރެއްވި މެންބަރު ޝުޖާއު ވިދާޅުވީ ފ.މަޝްރޫއަށް ހެދިގޮތް މިފަހަރު ހިންގަން އުޅޭ މަޝްރޫއުތަކަށް ނުހެދޭނެ ކަމަށެވެ

ބިލުގެ އިބްތިދާއީ ބަހުސްގައި ޝުޖާއު ވިދާޅުވީ، އެ ބިލްގައިވާ މުހިއްމު އިސްލާހުތައް، އެސްއީޒެޑް ގާނޫނަށް ގެނެސް، "އިގުތިސާދީ އާ ދޮރެއް" ހުޅުވާލާއިރަށް އިދިކޮޅު އެމްޑީޕީން އެކަމާ ދެކޮޅު ހަދައި ރާއްޖެ ހަލަބޮލިކުރަން ނުކުންނާނެ ކަމަށެވެ.

ފ. މަޝްރޫއުއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން ރާއްޖޭގައި ހިންގަން އުޅުނު ތަރައްގީގެ ބޮޑު މަޝްރޫއުއެއް ކަަމާއި އެ މަޝްރޫއު ހުއްޓުނީ ރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ތަނެއް ނޫން ކަމަށް ދައްކަން އެމްޑީޕީން ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ޖެހެނީ އަލުން މި ކަހަލަ މަސައްކަތްތައް ފަށަން. އެހެން ނަމަވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މިއަދު އަަޅުގަނޑުމެން މި ފަށާ މަަސައްކަތުގައި، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިގައުމު އާރާސްތުކޮށް، ފަތުުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބޮޑެތި އިކޮނޮމިކް ޒޯންތައް ގާއިމްކޮށް، އެ ތަންތަނުން ދިވެހި ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ކުރުމުގެ މަޝްރޫއު ނުހުއްޓޭނެ އެމްޑީޕީއަކަށް ދެނެއް،" ޝުޖާއު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަކީ ސައުދީ ޝާހީ އާއިލާ އަށް އެ އަތޮޅު ވިއްކާލުން ކަމަށް އެމްޑީޕީން އޭރު ސިފަކޮށް، ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އެމްޑީޕީގެ އެ ވާހަކަތަކާ އެކު، އެ މަޝްރޫއު ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، އެ ގޮތަށް ކަންތައް ކޮށް އެ މަޝްރޫއު ނުހުއްޓުނު ނަމަ ރާއްޖެއަށް އިގުތިސާދީ ގޮތުން ވަރަށް ބޮޑެތި ފައިދާތައް ވީހެވެ.

"އެ ދުވަހު އެ މަޝްރޫއު ހަގީގަތަކަށް ވެގެން ދިޔަ ނަމަ ދިވެހިރާއްޖެ އަށް މިލިބޭ، މިހާރު ޓެކުހުގެ ގޮތުގައި މިލިބޭ [ޖުމްލަ] އާމްދަނީ އަށް ވުރެން ބޮޑު އާމްދަނީއެއް އަޅުގަނޑުމެންގެ ގައުމަށް ޓެކުހުގެ ގޮތުގައި ހަމަ އެކަނި އެ ޒޯނުން އަޅުގަނޑުމެންނަށް ލިބިގެންދޭ،" ޝުޖާއު ވިދާޅުވި އެވެ.