ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި
ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައެއްގައި އޭނާ އިއްޔެ ސަސްޕެންޑްކޮށްފި އެވެ.

ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި
ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

އެނގިފައިވާ ގޮތުގައި، ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑްކުރީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.

އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާނުލައި ދޫކޮށްލީ އެވެ.

އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާއަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.

އަލީ އަންވަރު ކުރިން ހައްޔަރުކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.

ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ. އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މި މަހުގެ ކުރީކޮޅު ވެސް އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.

އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައިނުވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން 2019 ގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަތް ފާއިޒް މީގެ ކުރިން، 2021 ވަނަ އަހަރު ވެސް ސަސްޕެންޑްކުރި އެވެ. އެފަހަރު ސަސްޕެންޑްކުރީ އެ މައްސަލައާ ބެހޭ ގޮތުން ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައިގަ އެވެ. އެކަމަކު އޭރު ކުރި ތަހުގީގަށް ފަހު، އޯޑިއޯތައް ސައްހަ ނޫން ކަމަށް ނިންމުމުން ޖޭއެސްސީން ވަނީ ފާއިޒްގެ އިތުރުން ދެން އެ މައްސަލައިގައި ސަސްޕެންޑްކުރި ގާޒީ އަލީ އާދަމް އާއި ގާޒީ މުހައްމަދު ސަމީރުގެ ސަސްޕެންޝަން ވެސް އުވާލައިފަ އެވެ.

މީގެ އިތުރުން، މައްސަލައިގައި ހިމެނޭ ޚަސްމަކު ޝަރީއަތުގެ މަޖިލީހަށް ނުވައްދައި ހުކުމްކުރި މައްސަލައެއްގައި ވެސް ޖޭއެސްސީން ފާއިޒުއަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތްތެރިވެފައިވެ އެވެ.