23 އޮކްޓޯބަރ 2025 - 11:17

ރާއްޖޭގެ އިގުތިސާދުގައި މިހާރު އެންމެ ހޫނު ބަހުސަކީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމެވެ. މި މައްސަލާގައި ތަފާތު އެކި ގޮތްގޮތަށް ފަންނީ އަދި އިގުތިސާދީ ވާހަކަތައް ދައްކަމުން އަންނައިރު ސުވާލަކީ މިއީ ރައްކާތެރި މުއާމަލާތެއް ހެއްޔެވެ؟ ރާއްޖޭގެ އިގުތިސާދަށް މީގެ ސަބަބުން ކުރާނެ އަސަރުތަކަކީ ކޮބައި ހެއްޔެވެ؟ މި ހިސާބަށް ދާން ޖެހުނު ސަބަބަށް ވީ ކޮން ކަމެއް ހެއްޔެވެ؟

ފިނޭންސް މިނިސްޓްރީގެ ޖަވާބަކީ ސަރުކާރުން ޕެންޝަން ފަންޑަށް ވިއްކި ޓީބޮންޑުތައް ސެކަންޑަރީ މާކެޓުގައި އެމްއެމްއޭ އިން ގަންނަން ނިންމައި، އެ ފަންޑުން އަނެއްކާ ވެސް ސަރުކާރުން އިތުރު ޓީބޮންޑު އިޝޫ ކުރުމަކީ ރަނގަޅު މުއާމަލާތެއް ކަމަށެވެ.

"އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް. އެމްއެމްއޭ އިން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް،" ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެ އެވެ.

ނަމަވެސް މި މުއާމަލާތާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕެންޝަން އޮފީހުގެ ބޯޑުގެ މެމްބަރު އަދި ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ވެސް ކުރެއްވި އަހުމަދު ސަރުވަޝް އާދަމް ވެސް އިއްޔެ ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ ބޮޑެތި ކަންބޮޑުވުންތަކެއް އިސްތިއުފާގެ ސިޓީގައި ދޫކޮށްލެއްވި އެވެ.

ބަޖެޓު އެކުލަވައިލުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ފިސްކަން ޕޮލިސީ އެކުލަވައިލުމުގައި އެކި ސަރުކާރުތަކަށް ޓެކްނިކަލް ސަޕޯޓު ވެސް ދެއްވި ސަރުވަޝް ވިދާޅުވީ، އެކަން ކޮށްފި ނަމަ މާލީ އަދި އިގްތިސާދީ ގިނަ މައްސަލަތަކަކާ ކުރިމަތިވާނެ ކަަމަށެވެ.
ސަރުކާރުން ބުނާ ވާހަކައަކީ މިއީ "ފައިސާ ޗާޕުކުރުން ނޫން" ކަމަށެވެ. މިއީ ސީދާ އެ ބުނާ އުސޫލުން ފައިސާ ޗާޕުކުރުން ނޫން ކަމަށް ވިޔަސް ނުކުންނަނީ އެއް ނަތީޖާއެއް ކަމަށް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
މިއީ މި އަހަރުގެ މެދުތެރޭގައި އެމްއެމްއޭ އިން ހުޅުމާލެ އިން ބިމެއް ގަތުން ފަދަ މުއާމަލާތެކެވޭ ބުނެވޭނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެ މުއާމަލާތުގެ ވެސް "ޓެކްނިކަލް ޓާމް" ތަފާތު ވިޔަސް ނަތީޖާއަކީ އެއް ކަމެކެވެ. އިގްތިސާދުގައި ފައިސާ އިތުރު ވަނީ އެވެ. މަނީ ސަޕްލައި އިތުރުވުން ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
މި މުއާމަލާތް ހިންގާ ގޮތަށް ބަލާ އިރު، އެންމެ ފުރަތަމަ ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑުގެ ގޮތުގައި ހުރި 2.4 ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ވިއްކަނީ އެވެ. އެ ލިބޭ ފައިސާއިން އަނެއްކާ ވެސް ޕެންޝަން އޮފީހުން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ގަންނަނީ އެވެ. އެކަން އެގޮތަށް ކުރުމުން އެއާ އެކު ސަރުކާރުގެ ޑޮމެސްޓިކް ދަރަނި އަނެއްކާ ވެސް 2.5 ބިލިއަން ރުފިޔާ އިން އިތުރުވާނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން، މަރުކަޒީ ބޭންކުން ނޫން އެހެން މާލީ އިދާރާއެއް މެދުވެރިވެގެން އެފަދަ މުއާމަލާތެއް ޕެންޝަން ފަންޑުން ހިންގުމަކީ އެއްވެސް މައްސަލައެއް ނޫނެވެ ހަމައެކަނި މައްސަލައަކީ ޕެންޝަން ފަންޑުން އެމްއެމްއޭއާ އެކު އެފަދަ މުއާމަލާތެއް ހިންގުމެވެ. އެމްއެމްއޭ މެދުވެރިކޮށް އެފަދަ މުއާމަލާތެއްގެ ތެރެއިން ވެސް އިގްތިސާދަށް އިތުރަށް ފައިސާ އިންޖެކްޓް ކުރުމުން އިންފްލޭޝަން ބޮޑުވެ، ރުފިޔާގެ އަގު އިތުރަށް ދަށްވެ، ޑޮލަރުގެ އަގު އުފުލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރައްވާފައި ވެ އެވެ.
މިފަދަ ފިޔަވަޅެއް މިހާލަތުގައި އަޅަންޖެހުނީ ކީއްވެ ހެއްޔެވެ؟ ފައިސާ ޗާޕުކުރުންތޯ ނުވަތަ ނޫންތޯ އެ ސުވާލު ކުރުމުގެ ބަދަލުގައި މިފަދަ ފިޔަވަޅެއް އަޅައިގެން ނުކުންނަ ނަތީޖާ އާއި މިހިސާބަށް ދާން ޖެހުނު ސަބަބު ބަލައިލުން ވަރަށް މުހިއްމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޗާޕުކުރި ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާއާ ހެދި، އިގްތިސާދީ ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ހާލަތުން ސަލާމަތްވުމަށް މި އަހަރުގެ މެދުތެރޭގައި އެމްއެމްއޭއިން ހިންގަން ފެށި އޯޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް 2.5 ބިލިއަން ރުފިޔާ އެ އޮތޯރިޓީ އަށް ވެއްދި އެވެ. ނަމަވެސް އިތުރު ބޮންޑު ގަނެ، އެ ވެއްދި ފައިސާ އަނބުރާ އިގްތިސާދަށް ދޫކޮށްލެވެނީ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައި ވަނީ ބޮންޑު ވިއްކުމުގެ ސަބަބުން ޕެންޝަން އޮފީހަށް އޭގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ތަފާތު ކުރުމާއި ޕެންޝަން ދައްކާ މީހުންނަށް ލިބޭ ފައިދާ އިތުރުވެ ދިވެހި ފައިސާ، އެމެރިކާ ޑޮލަރަށް ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
"ހާއްސަކޮށް އެއީ ބޭރު ފައިސާގެ މައްޗަށް އޮންނަ ޕްރެޝަރު ލުއިވާނެ ކަމެއް. އޭގެ ނަތީޖާއަކީ ދިގު މުއްދަތަކަށް މާލީ ދެމެހެއްޓެނިވިކަން ޔަގީން ވުން،" ފިނޭންސްގެ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެމްއޭ އިން ޕެންޝަން ފަންޑު މެދުވެރިކޮށް ހިންގާ މުއާމަލާތަށް ކިޔަނީ ކުއަންޓިޓޭޓިވް އީޒިން (ކިއުއީ) އެވެ. މިއީ އާންމުކޮށް އިގްތިސާދީ ދަތި އުނދަގޫ ނުވަތަ ކްރައިސިސް ހާލަތްތަކުގައި މީގެ ކުރިން އެހެން ގައުމުތަކުގައި ވެސް މަރުކަޒީ ބޭންކުތަކުން ބޭނުން ކުރަމުން އައި "މަނިޓަރީ ފައިނޭންސިން" އުކުޅެކެވެ. ކިއުއީ އުސޫލުން ފައިސާ އިގްތިސާދަށް ދޫކޮށްލުމުގައި ރާއްޖެ އިން އަމަލުކުރާ ގޮތާއި އެހެން ގައުމުތަކުން ކުރާ ގޮތް ވެސް ތަފާތެވެ. ސަރުކާރުން މި އުސޫލުން ފައިނޭންސް ހޯދަނީ ސީދާ ހަރަދުތައް ހަމަޖައްސާށެވެ.
ފިނޭންސުން ބުނެފައިވާ ގޮތުގައި ޕެންޝަން ފަންޑާއި އެމްއެމްއޭގެ މާލީ މުއާމަލާތުގެ "ނަފާ" ބޭނުންކުރާނީ މިދިޔަ ސަރުކާރުން ފެށިގެން މި ސަރުކާރަށް ވާރުތަވެފައިވާ އަމިއްލަ ކޮންޓްރެކްޓަރުންގެ ދަރަނި ހަމަޖެއްސުމަށެވެ. އެއީ 2.5 ބިލިއަނެއްހާ ދަރަންޏެވެ.
ނަމަވެސް އެހެން ބައެއް ގައުމުތަކުގެ ކިއުއީ ފަންޑު ބޭނުންކޮށްގެން ސެންޓްރަލް ބޭންކުން އެ ލިބޭ ފައިސާ އިން، އެހެން ކަންކަމަށް އިންވެސްޓްކޮށް، ނުވަތަ ބޭންކުތަކުން އިތުރަށް އާންމުންނާއި ވިޔަފާރިތަކަށް ލޯނު ދޫކޮށް، އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށް ފުރުސަތުތައް ފަހިކުރެ އެވެ.
ކިއުއީ ފަންޑު ފައިނޭންސިން އެންމެ ފުރަތަމަ ތައާރަފް ކުރީ، ޖަޕާނުންނެވެ. އެ ގައުމަށް 2001 ވަނަ އަހަރު ކުރިމަތިވި ރިސެޝަންގެ ހާލަތުން އަރައިގަތުމަށްޓަކައި އެކަން ފެށިއިރު ފަހުގެ ތާރީހުގައި 2008 ވަނަ ކުރިމަތިވި ފައިނޭންޝަލް ކްރައިސްގައި ވެސް އެމެއިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން އެ އުސޫލުން އިގްތިސާދަށް ފައިސާ ޕަމްޕް ކޮށްފައިވެ އެވެ.
އެ ފަންޑު ބޭނުން ކުރުމުން އެމެރިކާ އަށް ކުރިމަތިވި ބޮޑު މާލީ ކާރިސާ އިން އަރައިގަތުމަށް ބޮޑު ފަސޭހައެއްވި އެވެ. އެ ގައުމުން ވަނީ 2008 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ތިން ބުރަކަށް އެ ފައިނޭންސިން ބޭނުންކޮށްފަ އެވެ. އެއާ އެކު، ސްޓޮކް މާކެޓް ހަމައަކަށް އެޅި، އިންޓްރެސްޓް ރޭޓު ދަށްކުރެވި މުޅި އިގްތިސާދު ހަމަޖައްސަން ފަސޭހަވި އެވެ.
އެކަމަކު، އެކަން އެންމެ ފުރަތަމަ ފެށި، ޖަޕާނަށް އެކަމުން މާ ރަނގަޅު އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އެއްކަމަކަށް ދިމާވީ، އެގޮތަށް ދިގު މުއްދަތަކަށް ފައިސާ ޕަމްޕް ކުރުމުން ޑިފްލެޝަނަށް ހައްލު ނުލިބި އިގްތިސާދު އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދިޔަ އެވެ. އަނެއްކޮޅުން 2015 ވަނަ އަހަރު ޔޫރަޕިއަން ސެންޓްރަލް ބޭންކުން ފެށި ކިއުއީއިން ވެސް ބޭނުންވި ނަތީޖާއެއް ނުނެރެވި، ހާލަތު ރަނގަޅު ނުކުރެވުނެވެ.
އެހެންވެ، "ކުއަންޓިޓޭޓިވް އީޒިން" އިން ހުރިހާ ގައުމަކަށް އޭގެ ފައިދާ ނުކުރާކަން ކުރީގެ ތަޖުރިބާތަކުން ފެނެ އެވެ. މި އާޓިކަލްއަށް ވާހަކަ ދެއްކެވި އިގްތިސާދީ މާހިރު ވިދާޅުވީ، ރާއްޖޭގައި އޯވަޑްރޯގެ ބަދަލުގައި މި އުސޫލުން މިކަން ކުރި އިރު، މިކަމުގައި މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރި ނަމަ މިފަދަ ފިޔަވަޅުތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމަށެވެ.
"އިންވެސްޓަރުންނަށް ވެސް އެނގޭ މިފަދަ ފިޔަވަޅުތައް އަޅަނީ ކީއްވެކަން. އަނެއްކޮޅުން ރޭޓިން އޭޖެންސީތަކަށް މިއަޅާ ފިޔަވަޅުތައް ފެންނާނެ. ހަގީގަތަކީ ޒިންމާދާރުކަމާ އެކީގައެއް ނޫން ފިސްކަލް ފިޔަވަޅުތައް އަޅަނީކީ. އެ އަށް ވުރެ އަވަސް އަރުވާލައިގެން. އެއީ ވެސް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
މިފަދަ ފިޔަވަޅެއް ރާއްޖެއިން އަޅަން ޖެހުނީ ވެސް، މާލީގޮތުން އުނދަގޫ ހާލަތެއް ކުރިމަތިވެފައި އޮތުމުން ކަން ވަރަށް ސާފެވެ. މިވާހަކަ، ސިޔާސަތުތައް އެކުލަވާ ވެރިންގެ އަނގައިން އިވޭލެއް ވަރު މަދުވި ނަމަވެސް، ހަގީގަތަކީ އެފަދަ ގޮތަކަށް ފައިނޭންސިން ހޯދާނީ އެފަދަ އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާތީ ކަމަށް އާޓިކަލްއަށް ވާހަކަ ދެއްކި އިކޮނޮމިސްޓަކު ވިދާޅުވި އެވެ.
މިދިޔަ ހަތަރު އަހަރުގެ ބަޖެޓު ފޮތުގައި ގިނަ ރިޕޯމުތަކެއް ނުވަތަ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން މުހިއްމު ފިޔަވަޅުތަކެއް ހުއްޓެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހު ދެ އަހަރުގެ އިތުރުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިދިޔަ ދެ ބަޖެޓުގައި ވެސް އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ހިމަނާފައި ވެ އެވެ. ނަމަވެސް ނަތީޖާއެއް ނުފެނެ އެވެ.
މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމުން 2.1 ބިލިއަން ބަޖެޓުން ސަލާމަތް ކުރުމަށް ހިމަނާފައި އޮތެވެ. އާސަންދައިން ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ކުޑަކުރަން އޮތް އިރު އެންސްޕާ މެދުވެރިކޮށް 240 މިލިއަން ރުފިޔާ ކުޑަކުރުމަށް ބަޖެޓު ފޮތުގައި އޮތެވެ. އެކަމަކު ހަރަދު ކުޑަކުރުމަށް ކަނޑައަޅާފައި ހުރި ހުރިހާ މައިގަނޑު ކަންކަން ނުކުރާނެ ކަން ރައީސް މުއިއްޒު އަހަރުގެ މެދުތެރޭގައި އިއުލާނު ކުރެއްވި އެވެ.
"މިފަދަ ފިޔަވަޅުތައް އަޅަން ޖެހެނީ ފިސްކަލް ސިޔާސަތު ދޯދިޔަވީމަ. ޒިންމާދާރުކަމާ އެކު، ހަރަދު ކުރުމުގެ ފިޔަވަޅުތައް ނޭޅީމަ. ވަކި ސަރުކާރެއް އޮވެގެނެއް ނޫން. ކުރީ ސަރުކާރުން ވެސް މައްސަލަ ހައްލުނުކޮށް ޑިލޭކުރަން. މި ސަރުކާރުން ވެސް މިބަދަލީ އަސްލު މައްސަލައަށް ހައްލު ނުހޯދާ، ޑިލޭކުރެވޭތޯ،" އާޓިކަލަށް މައުލޫމާތުދެއްވި ފަރާތުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ފިސްކަލް ހާލަތު ގޯހުން ގޮސްފައި އޮތުމުން، ހަމައެކަނި އޮތް ހައްލަކީ އައިއެމްއެފް ޕްރޮގްރާމަކަށް ދިއުން ކަމަށެވެ. އެކަން ލަސްކުރާ ވަރަކަށް މުޅި މައްސަލަ އިތުރަށް ބޮޑުވެ، ހާލަތުން އަރައިގަތުމަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވީ، ކޮންމެ ބަޔަކު ވެސް ކުރާ ކަމަކީ ހަރަދު ކުޑަކުރުމުގެ ބަދަލުގައި "ވަޅުގަނޑު ބޮޑުކުރަނީ" ކަމަށެވެ. އެހެންވެ، އިގްތިސާދީ ފަންޑަމެންޓަލް ކަންކަން ރަނގަޅު ނުކުރާހާ ހިނދަކު އަރައެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާރުތަވެފައިވާ ބޭރުގެ އަދި އެތެރޭގެ ދަރަނި ކަމަށް ތަކުރާރުކޮށް އިސްވެރިން ވިދާޅުވެ އެވެ. ހާއްސަކޮށް އަންނަ އަހަރަކީ ބޭރުގެ ދަރަނި ދައްކަންޖެހޭ ރެކޯޑް އަހަރެކެވެ. އެ ކަމާ ގުޅިގެން ރައީސް މުއިއްޒު އެންމެ ފަހުން ވިދާޅުވެފައި ވަނީ އަންނަ އަހަރު ދައްކަންޖެހޭ ދެ ލޯނު ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ދައްކަން ހުރި ދަރަނިތައް ދައްކަމުން، ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާ ކުރެވިގެން އެކި ކަހަލަ ގޮތްގޮތަށް އެ އަށް ލުއިތައް ގެންނަމުން ރީ ފައިނޭންސް ނުވަތަ ލަސްކުރަމުން ނުވަތަ ބަދަލު ދޭންޖެހޭ ނަމަ އެކަން ކުރަމުން،" އިގުތިސާދު ރަނގަޅުކޮށް ދަރަނިތައް ދައްކަން ސަރުކާރުން ޕްލޭން ކުރަމުން އަންނަ ގޮތްތަކާ ބެހޭ ގޮތުން ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވެ އެވެ.
ނަމަވެސް އިގުތިސާދީ ތަޖުރިބާކާރުން ވިދާޅުވަނީ އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރާނީ ފިސްކަލް ސިޔާސަތުގެ ސަބަބުންނެވެ. މާލީ ދަތިތަކުން އަރައި ނުގަނެވޭތީ އެވެ. އަނެއްކޮޅުން ދެފުށް ފެންނަ އުސޫލުން މި މުއާމަލާތް މިހާތަނަށް ނުގެންދިއުމަކީ ވެސް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވިސްނާނެ ކަމެކެވެ. އެ މީހުން ތިބީ ރާއްޖެ އަށް ކަޅި އަޅައިގެންނެވެ.