23 އޮކްޓޯބަރ 2025 - 06:03

ފަލަސްތީނުގެ ޣައްޒާއަށް ބޭރުގެ ނޫސްވެރިން ވަނުމުގެ ހުއްދަ ވަގުތުން ދިނުމަށް އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަހަށް ނިންމައިދޭން، އިޒްރޭލާއި ފަލަސްތީނުގައި ހަރަކާތްތެރިވާ ބޭރުގެ ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ފޮރިން ޕްރެސް އެސޯސިއޭޝަން (އެފްޕީއޭ) އިން ގޮވާލައިފި އެވެ.
އޮކްޓޫބަރު 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީންސުރެ ބޭރުގެ ނޫސްވެރިން ޣައްޒާއަށް ވަނުން އޮންނަނީ ހުއްޓުވައިފަ އެވެ. ހަމަލާތައް ފެށި އިރު ޣައްޒާގައި ތިބި މަދު އަދަދެއްގެ ނޫސްވެރިންނަށް ވެސް އެ މީހުންގެ މަސައްކަތް ކުރުމުގައި ބޮޑެތި ހުރަސްތައް އޮންނަނީ ކުރިމަތިކޮށްފަ އެވެ.
އެފްޕީއޭ އިން ވަނީ ޣައްޒާގައި ހަމަލާތައް ފެށުމާ އެކު އެކީހެން މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. މިއަދު މި މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ.
އެކި ގައުމުތަކުގެ އެތައް ސަތޭކަ ނޫސްވެރިންނެއް ތަމްސީލުކުރާ އެފްޕީއޭއިން ވަނީ ފާއިތުވި ދެ އަހަރު ތެރޭގައި، ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް އެދިފަ އެވެ. އެކަމަކު އެއިން އެއްވެސް އެދުމަކަށް އިޒްރޭލުން އިޖާބައެއް ނުދެ އެވެ.
ނޫސްވެރިންނާއި ނޫސްވެރިކަމުގެ ހައްގުގައި ވަކާލާތުކުރާ ރިޕޯޓާސް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) އިން ވެސް ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގައި ބައިވެރިވެފަ އެވެ.
އާރްއެސްއެފްގެ ޑިރެކްޓާ ފޯ އެޑްވޮކަސީ އެންޑް އެސިސްޓެންސް އެންޓޮއިން ބާނާޑް ވިދާޅުވީ ބޭރުގެ ނޫސްވެރިން ޣައްޒާއަށް ވަނުން ހުއްޓުވާފައިވާ ބާއްވައިގެން، އެ ސަރަހައްދުން ފަލަސްތީނުގެ 210 އަށް ވުރެ ގިނަ ނޫސްވެރިން އިޒްރޭލުން މަރާލާފައިވާ ކަމަށެވެ.
"މިއީ ހަގީގަތާ އެއްގޮތަށް، މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ނޫސްވެރިކަމެއް އާންމުންނަށް ލިބިދިނުމަށް އޮތް ހައްގު ގެއްލިގެން ދިޔަ ކަމެއް،" ބާނާޑް ވިދާޅުވި އެވެ.
މި މަހުގެ 10 ވަނަ ދުވަހު އިޒްރޭލުން ވަނީ ހަނގުރާމަ މެދުކަނޑާލަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް އެއްބަސްވެ ބައެއް ސަރަހައްދުތަކުން ސިފައިން ފަހަތަށް ޖެހިފަ އެވެ.