22 އޮކްޓޯބަރ 2025 - 20:20

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލާގައި އެންމެފަހުން ހައްޔަރުކުރި މީހާ އެ ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހަކީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން، 52، އެވެ. އޭނާ ހައްޔަރުކުރީގެ ރޭގެ ވަގުތެއްގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަސަން އަބްދުއްރަހްމާންގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ މި ވައްކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ ގެއެއް ކަމަށްވާ ހ. އެޕޯލޯ ޓަވަރެވެ. މި ވައްކަން ރާވައި، ފަންޑްކުރުމުގެ ތުހުމަތު ދިގަލިއަށް ކުރެ އެވެ.
ހަސަން އަބްދުއްރަހްމާންގެ މައްޗަށް މި މައްސަލާގައި ތުހުމަތުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
"ސިނގިރެޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް މީނާގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ފެނެ އެވެ،" ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގައި، ވަގަށް ނަގާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައިފަ އެވެ. އެކަމަކު، ގެއްލުނު އެއްވެސް ސިނގިރޭޓެއް ފެނިފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ހުރީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގަ އެވެ. އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ ހަސަން އަބްދުއްރަހްމާން އާއި ދިގަލީގެ އިތުރުން ލޮޓަސް އަހުމަދު އާރިފް (އާއްޓޭ)، 61 އާއި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، 48، އެވެ.
އެ މައްސަލާގައި ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވެ އެވެ. ދިގަލީގެ ވެސް ތުހުމަތަކީ އެ ވައްކަމަށް ފަންޑުކުރުމެވެ.
މުއާޒުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މީހުންނަށް ކުރަނީ "ވަގަށް ބޭރު ކުރުމުގެ އޮޕަރޭޝަން"ގައި ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވިކަމުގެ ތުހުމަތެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ފުރުން މަނާކޮށްފައިވެ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެ އެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވަގަށް ނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ. އެ ތަކެތި އެތަނުގައި ބަހައްޓާފައި ހުރީ ތަހުގީގު ނުނިމޭތީ އެވެ.