އދ.ގެ އެންމެ މަތީ ކޯޓުގެ ނިންމުމެއް: ޣައްޒާއަށް އެހީ އެތެރެކުރުުން އިޒްރޭލުން ފަސޭހަކޮށްދޭންޖެހޭނެ
އދ.ގެ އެންމެ މަތީ ކޯޓުގެ ނިންމުމެއް: ޣައްޒާއަށް އެހީ އެތެރެކުރުުން އިޒްރޭލުން ފަސޭހަކޮށްދޭންޖެހޭނެ

ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ފަސޭހަކޮށްދޭންޖެހޭނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުން އިޒްރޭލަށް ލާޒިމްވާނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މިއަދު ބުނެފި އެވެ.

އދ.ގެ އެންމެ މަތީ ކޯޓުން މި ރޫލިން ނެރެފައި މި ވަނީ އިޒްރޭލާއި ހަމާސް އިން ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓާލި ވަގުތާ ދިމާކޮށް އެހީގެ ޖަމާއަތްތަކުން މަސައްކަތް ހަލުވިކޮށްފައި ވަނިކޮށެވެ. އެކަމަކު އިޒްރޭލުގެ ހިސާރުގެ ސަބަބުން ބަނޑަށް ޖެހިފައިވާ ޣައްޒާއަށް އެކަށީގެންވާ ވަރާ ގާތަށް ވެސް އެހީގެ ސާމާނު އަދިވެސް ނުވެއްދޭ ކަމުގެ ކަންބޮޑުވުން އދ. އާއި އެެހީގެ ޖަމާއަތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

އައިސީޖޭގެ މި "އެޑްވައިޒަރީ އޮޕީނިއަން" އަކީ ގާނޫނީ ގޮތުން އެއަށް އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ނަމަވެސް އެ ކޯޓުން ބުނީ ގާނޫނީ އަދި އާންމު ހަމަތަކުގެ މަތިން ވެސް އިޒްރޭލަށް މި ކަމުގައި ބޮޑު ޒިންމާއެއް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ އދ. އާއި އެ އިދާރާގެ ދަށުން ހިންގާ ޖަމިއްޔާތަކުން ހިންގާ އެހީގެ ޕްރޮގްރާމްތައް ގަބޫލުކޮށް، ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަކީ އިޒްރޭލުގެ ޒިންމާއެއް ކަމަށެވެ. އޭގެ ތެރޭގައި، ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި އެ ތަނުގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިޒްރޭލުން ތުހުމަތުކޮށް މަނާކޮށްފައިވާ، ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަ އދ.ގެ އޭޖެންސީ، އުންރުވާ ވެސް ހިމެނެ އެވެ.

އައިސީޖޭ އިން ބުނީ އިޒްރޭލުން އުންރުވާއަށް ކުރާ ތުހުމަތު ސާބިތުކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު އިޒްރޭލުން ބައިވެރި ނުވި ނަމަވެސް، މިއަދުގެ އަޑުއެހުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދެއްކި އިޒްރޭލުގެ އޮފިޝަލަކު ބުނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އޭނާ ބުނީ އިޒްރޭލުން އެހީގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކުގައި މަސައްކަތްކުރާ ކަމަށާއި އެކަމަކު އުންރުވާއަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

އިވަސާވާ ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލަ އަކީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުން ނޫން ކަމަށާއި އަދި އެއީ ހަތިޔާރެއްގެ ގޮތުގައި ގާނޫނުތައް ބޭނުންކުރުން ވެސް ނޫން ކަމަށެވެ.