ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ބަލަނީ
ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ބަލަނީ

އުތުރުގެ ރަށެއްގައި ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެ ޓީޗަރު ސަސްޕެންޑުކޮށްފަ އެވެ. އެއީ އެ ސްކޫލުގައި އިސްލާމް މާއްދާ ކިޔަވައިދޭ ފިރިހެން ޓީޗަރެކެވެ.

އުތުރުގެ އެހެން ރަށެއްގައި ސްކޫލެއްގެ ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން ބިދޭސީ ޓީޗަރަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ދަރިވަރެއްގެ ގެއަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ވެސް ރޭ ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުޅުމާލެއިން ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.