އައްޑޫ ހިތަދޫގައި ދެމަފިރިއަކު ގޭތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
އައްޑޫ ހިތަދޫގައި ދެމަފިރިއަކު ގޭތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ހިތަދޫގައި ދެމަފިރިއަކު ގޭތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.

އާއިލާގެ ބަޔަކު މިއަދު އެ ގެއަށް ދިޔައީ ރެއިން ފެށިގެން އެ ދެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެމަފިރިން ނިޔާވެފައި ތިއްބާ ފެނުނުއިރު، މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އެކަމަކު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އިބްރާހިމް އަބްދުﷲ އާއި ފަރަހްނާޒު ނިޔާވި ޚަބަރާ އެކު، އެ ގެ އަށް ވަން މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ދެމަފިރިން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެންމީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ފާހާނާތެރޭގައި ހުރި ސާމާނުތަކަށް ބަލައި އެ މީހާ ލަފާކުރަނީ ދެމަފިރިން ނިޔާވީ، ފާހާނާގައި ކޮންމެވެސް މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެންނެވެ.

"ބޮޑަށް ބެލެވެނީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު [ކަރަންޓުގައި ޖެހިގެން] މަރުވީ ކަމަށް. ދެ މީހުންގެ ދެބޯ ޖެހިފައި ތިބީ. ގެއަށް ވަތް އިރު ގޭގައި ކަރަންޓެއް ނެތް،" އޭނާ ކިޔައިދިނެވެ.

އެ ދެމަފިރިން ގެ ހަދައިގެން ބަދަލުވީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ. އެ ސަރަހައްދަށް އަދި ކަރަންޓް ނުލާތީ އެ ގެ އަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަކުޑަ ޖަނަރޭޓަރަކުންނެވެ.