ދަރިވަރުގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ދަރިވަރުގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ދަރިވަރެއްގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ރޭ ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މި މައްސަލައިގެ ތަފްސީލެއް ނުދެ އެވެ. އެކަމަކު، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ހުޅުމާލެއިން ހުށަހަޅާފައިވާ ކަމަށް މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ ސްކޫލެއްގެ ފިރިހެން ޓީޗަރެކެވެ. ދަރިވަރުންގެ ގެޔަށް އޭނާ ދިޔައީ ޓިއުޝަން ދޭން ކަމަށް، މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެ އެވެ. ހާދިސާ ހިނގި އިރު ދަރިވަރުންގެ ގޭގައި އެހެން މީހުން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ކުއްޖާގެ އާއިލާއިން ކަމަށް ވަނީ އެނގިފަ އެވެ. ރިޕޯޓްކުރި އިރު ޓީޗަރު އެ ގެެއިން ނުކުމެގެން ގޮސްފައިވާ ކަމަށާއި އެކަމަކު މަގުމަތިން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ވެސް އެނގިފަ އެވެ.