22 އޮކްޓޯބަރ 2025 - 15:28

ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ރޯވީ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވެގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ހިޔާ ފްލެޓްގެ 11 ވަނަ ޓަވަރުގެ ތިންވަނަ ފުލޯގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:30 ވަނިކޮށް ކަމަށެވެ. އެ ރިޕޯޓް ލިބުމާ އެކު، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ސިފައިން ބުންޏެވެ.
އެ ހާދިސާގައި އެޕާޓްމަންޓުގައި އަލިފާން ރޯވީ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށް ވެސް ސިފައިން ބުންޏެވެ.
ސިފައިން ބުނީ އެ ހާދިސާގައި އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.