ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް

އިންޑިއާގައި މިހާރު ފާހަގަކުރަމުން އަންނަ ދިވާލީ ޗުއްޓީއާ ދިމާކޮށް މިދިޔަ އަންގާރަ ދުވަހު ޕްރިމިއާކުރި ރަޝްމިކާ މަންދަނާ އާއި އަޔުޝްމަން ކުރާނާގެ ފިލްމު "ތައްމާ"އަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ހޮރޯ ކޮމެޑީ ފިލްމު "ތައްމާ"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ވަނީ 32 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އޭގެ ތެރެއިން 31 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެންނެވެ.

އެއީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ބޮލީވުޑް ފިލްމު ކަމަށްވާ "ސައްޔާރާ"އަށް ފުރަތަމަ ދުވަހު ލިބުނު ވަރަށް ވުރެ ވެސް ބޮޑު އާމްދަނީއެކެވެ. "ސައްޔާރާ"އަށް ފުރަތަމަ ދުވަހު ލިބުނީ 30 ކްރޯޑް ރުޕީސް އެވެ.

"ސްތުރީ" ކަހަލަ ހޮރޯ ކޮމެޑީ ފިލްމުތައް ގެނެސްދިނުމަށް މަޝްހޫރު މެޑޮކްސް ފިލްމްސްގެ "ތައްމާ"އަކީ 145 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި، އެ ފިލްމުގެ ފެށުން ރަނގަޅުވުމުން އެ ފިލްމަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ވެމްޕަޔާތަކެއް އުޅޭ "ތައްމާ"އަކީ "މުންޖުޔާ" އާއި "ކަކުޑާ" ކަހަލަ ބިރުވެރި ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަދިތުޔަ ސަރްޕޮދާރުގެ ފިލްމެކެވެ.

އެ ފިލްމުގައި ރަޝްމިކާ އާއި އަޔުޝްމަން ވެސް ކުޅެނީ ވެމްޕަޔާއެއްގެ ރޯލެވެ. އަދި އެ ފިލްމުގައި ހަމަ ވެމްޕަޔާއެއްގެ ރޯލު ކުޅޭ ނަވާޒުއްދީން ސިއްދިގީއަކީ ފިލްމުގެ ވިލަން އެވެ. އެ ފިލްމުގައި ދައްކަނީ އެމީހުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކެވެ.

ކްރިޓިކްސް ތައުރީފު ވެސް ކޮންމެވެސް ވަރަކަށް ލިބިފައިވާ އެ ފިލްމުގައި ހާއްސަ ފެނިލުމަކުން ވަރުން ދަވަން އާއި އަބީޝެކް ބެނަރްޖީ ފެނެ އެވެ.