ލަންކާގެ ސިޔާސީ މީހެއްގެ އޮފީހަށް ވަދެ ބަޑިޖަހައި މަރާލައިފި
ލަންކާގެ ސިޔާސީ މީހެއްގެ އޮފީހަށް ވަދެ ބަޑިޖަހައި މަރާލައިފި

ސްރީ ލަންކާގެ ސިޔާސީ އިދިކޮޅު މީހަކު އޮފީސް ތެރޭ އުޅެނިކޮށް މީހަކު ވަދެ ބަޑިޖަހައި މިއަދު މަރާލައިފި އެވެ.

ބަޑީގެ ހަމަލާތައް އިތުރުވެފައިވާ ލަންކާގައި މިއަދު މަރާލީ ވެލިގަމަ ސިޓީގެ ކައުންސިލް ޗެއާމަން ލަސަންތަ ވިކްރަމަސޭކަރަ، 38، އެވެ. އޭނާއަށް ހަމަލާ ދިނީ ދާއިރާގެ މީހުންނާ އެކު ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް އެތަނަށް ވަން މީހަކު ފިސްތޯލައަކުން ހަމަލާ ދީގެންނެވެ.

ވިކްރަމަސޭކަރައަށް އެތައް ފަހަރަކު ހަމަލާ ދިނުމަށް ފަހު އެ މީހާ ފިލައިގެން ދިޔައީ ކަމަށާއި ހަމަލާގައި އެހެން މީހަކަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

"މި އަމަލު ހިންގި މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން،" މިއީ ކީއްވެގެން ދިން ހަމަލާއެއްކަން ވެސް އަދި ނޭނގޭ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ވިކްރަމަސެކަރަ އަކީ ވެލިގަމާ ކައުންސިލްގެ ކޮންޓްރޯލް ހޯދަން، ވެރިކަންކުރާ ޕާޓީއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރަމުން އަންނަ އިދިކޮޅު ސަމަގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ) ޕާޓީއަށް ނިސްބަތްވާ މީހެކެވެ.

މި އަހަރު ސްރީ ލަންކާގައި މިފަދަ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޑްރަގް ގޭންގުތަކާއި އޯގަނައިޒްޑް ކްރައިމްތަކާ ގުޅިފައިވާ ހާދިސާތަކެވެ.

ރަސްމީ ރިޕޯޓުތައް ބުނާ ގޮތުން ބަޑީގެ 100 އަށް ވުރެ ގިނަ ހަމަލާ މި އަހަރު ދީފައި ވާއިރު އެ ހަމަލާތަކުގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިއީ މިދިޔަ އަހަރު ރައީސް އަނޫރާ ކުމާރާ ޑިސެނަކަ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޔާސީ މީހަކު މަރާލި ފުރަތަމަ ފަހަރެވެ. ބަޑީގެ ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ހާދިސާއެއްގެ ގޮތުގައި މިހާތަނަށް އޮތީ މިދިޔަ ފެބްރުއަރީ މަހު ކޮލަމްބޯގެ ކޯޓު އިމާރާތެއްގެ ތެރޭގައި ގާނޫނީ ވަކީލަކަށް ހެދިގެން ވަން މީހަކު، ކޯޓަށް ހާޒިރުކޮށްފައި ހުރި މީހަކު މަރާލި ހާދިސާ އެވެ. -- އޭއެފްޕީ