ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ދިނުމާ ބެހޭ ގަރާރު ބަލައިގެންފި
ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ދިނުމާ ބެހޭ ގަރާރު ބަލައިގެންފި

ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖޭގެ ޔުނިވާސަލް ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އިން ހިދުމަތް ލިބޭ ގޮތް ހެދުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން، ގަލޮޅު އުތުުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

އެ ގަރާރު ބަލައިގަންނަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ދައުލަަތަށް ހިދުމަތްކޮށްފައިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އެބަތިބި ކަމަށާއި ގައުމީ ޓީމަށް ކުޅިވަރު ކުޅެފައިވާ އެތައް ބިދޭސީންނެއް ވެސް އެބަ ތިބި ކަމަށެވެ. އާސަންދަ ދޭ ވާހަކަ ދައްކަވަނީ ރާއްޖޭގައި މަސައްކަތް ކުރަން މެރިޖް ވިސާ ހޯދުމުގެ ބޭނުމުގައި އުޅޭ ބިދޭސީންނަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިންނާ އިނދެގެން އުޅޭ، ޓެކްސް ދައްކާ އެތައް ބިދޭސީންނެއް އެބަތިބި. އެމީހުންނަކީ މިއަދު ކާފަ، މުނިމާމަ، މުނިކާފަ ކިޔާމީހުން. މި ދައްކަނީ އެންމެންގެ ވާހަކައެއްނޫން،" ކުޑޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންނަށް ހެލްތު އިންޝުއަރެންސް ދޭނެ އުސޫލުތަކެއް ނުވަތަ ޝަރުތުތަކެއް ރާއްޖޭގައި ކަނޑައެޅިދާނެ އެވެ. އޭގެ މިސާލެއްގެ ގޮތުން ވިދާޅުވީ ރާއްޖޭން މެރިޖް ވިިސާދޭ އިރު އިންޝުއަރެންސެެއް އޮންނަން މަޖުބޫރު ކުރުން ނުވަތަ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭތާ ވަކި މުއްދަތެއް ހޭދަވެފައިވޭތޯ ބެލިދާނެ އެވެ.

"ނޫނީ ކުއްޖަކު ލިބުމުން، ނޫނީ ދެ ކުދިން ލިބުމުން، އެ މީހާގެ ދިރިއުޅުން [ރާއްޖޭގައި] ސްޓޭބަލް ކަމަށް ބަލާފައި ނަމަވެސް އަަޅުގަނޑުމެން އެބަ ޖެހޭ އެ މީހުންނާ މެދު އަޅާލަން،" ކުޑޫ ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ، އެ ގަރާރު ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.