22 އޮކްޓޯބަރ 2025 - 13:30

ހުކުރުދުވަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ޕާޓްނާޝިޕުގެ ދަށުން އެ ދުވުމަށް ބޭނުންވާ މެޑިކަލް އެހީތެރިކަން އެ ހޮސްޕިޓަލުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިއަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވާނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓްކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ދިރާގު ރޯޑް ރޭހުގެ ދުވުންތައް މިއަހަރު އޮންނާނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހާފްމެރަތަން އޮންނާނީ ދަންވަރު 2:30ގަ އެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ފަތިހު 5:30ގައި އޮންނަ އިރު 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ އެ ހޮސްޕިޓަލުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މިފަދަ އެކި ހަރަކާތްތަކަށް ބޭނުންވާ މެޑިކަލް ސަޕޯޓު ފޯރުކޮށްދެމުންނެވެ.