ސިނގިރެޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރެޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރެޓު ގެއްލުނު މައްސަލާގައި ފަސް ވަނަ އަށް ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ފަސް ވަނަ މީހަކީ ކ. ތުލުސްދުއަށް ނިސްބަތްވާ ލިންކް، ހަސަން އަބްދުއްރަހްމާން 52، އެވެ. އޭނާ ހައްޔަރުކުރީގެ ރޭގެ ވަގުތެއްގަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝާނެއް ހިންގައި، ވަގަށް ނަގާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައިފަ އެވެ. އެކަމަކު ގެއްލުނު އެއްވެސް ސިނގިރޭޓެއް ފެނިފައިވާކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ވަނީ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

އެއީ، މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40 އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ، 48 އެވެ.

އެ މައްސަލާގައި ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވެ އެވެ. އެ ދެމީހުންނަށް ވެސް ކުރަނީ އެ ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ. އަދި މުއާޒުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ޒިވާރުގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

އެ މީހުންނަށް ކުރަނީ "ވަގަށް ބޭރު ކުރުމުގެ އޮޕަރޭޝަން" ގައި ޒިވާރާއި މުއާޒުގެ ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވިކަމުގެ ތުހުމަތެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވެ އެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

ވަގަށް ނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ. އެތަކެތި އެތަނުގައި ބަހައްޓާފައި ހުރީ އޭރު ތަހުގީގު ނުނިމޭތީ އެވެ.