އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ މައްސަލައިގައި ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވައިފި
އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ މައްސަލައިގައި ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ސަރުވަޝް ކުރެއްވި ޓްވީޓުގައި ވަނީ ބޯޑުން އިސްތިއުފާ ދެއްވީ މިއަދު ކަމަށާއި އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން، އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. މިކަމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ އިތުރުން ފިޑޫޝަރީ ނުވަތަ ޕެންޝަން އޮފީހުން ފައިސާ މެނޭޖުކުރުމުގެ ޒިންމާތައް އަދާކުރުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވާނެ ކަމަށް އޭނާ ލިޔުއްވާފައި ވެ އެވެ.

މި މުއާމަލާތް ހިންގަނީ ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅައިފަ އެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ. އެހެންވެ، ޕެންޝަން އޮފީހުން އެމްއެމްއޭ އަށް ވިއްކާ ބޮންޑުން ލިބޭ ފައިސާ އިން ސަރުކާރުން އިތުރަށް މި ފައިސާ ހޯދަނީ އެވެ.

ޕެންޝަން އޮފީހުން މި މުއާމަލާތް ހިންގަން ފާސްކުރީ ވޯޓުގައި ބައިވެރިވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް ދެ މެންބަރަކު ވޯޓުދެއްވި އެވެ. އެނގިފައިވާ ގޮތުގައި މި މުއާމަލާތް ހިންގުމަށް ބޯޑުގެ ޗެއާޕާސަން، އަހުމަދު އިނާޒް ވެސް ދެކޮޅެވެ. ނަމަވެސް އޭނާއަކީ ވޯޓުގައި ބައިވެރިވެވޭ މެންބަރެއް ނޫނެވެ.

މި މުއާމަލާތާ ގުޅޭ ގޮތުން ޕެންޝަން އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން މި މުއާމަލާތުގައި ޕެންޝަން އޮފީސް ވަނީ މެދުވެރިއަކަށެެވެ.

ފިނޭންސް މިނިސްޓްރީން ފޮނުވި ނޯޓުގައި، އެ ފައިސާ ބޭނުންވަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ވެ އެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ޕެންޝަން ފަންޑުން ޓީ ބޮންޑެއް ވިއްކަން ހުށަހަޅައި ފެންޝަން ފަންޑުގައި އެ މިންވަރަށް ލިކުއިޑިޓީ ނެތުމުން، އެ ފައިސާ އެމްއެމްއޭ އިން ހޯދައި ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރުމަކީ ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ފައިސާ ދިނުމުގެ މުއާމަލާތެއް ކަމަށް ވެސް އޭނާގެ ސިޓީގައި ބަޔާން ކުރެއްވި އެވެ.

"މި މުއާމަލާތުގެ ނަތީޖާ، މަރުކަޒީ ބޭންކުން ސީދާ ސަރުކާރަށް ފައިސާ ދޫކުރުމާ އެއްވެސް ތަފާތެއް ނެތެވެ. އެހެންކަމުން މި މުއާމަލާތުގެ ބޭރުފުށުން ފެންނަ ސިފައަށް ވުރެ އިތުރަށް ފުންކޮށް ބަލާލަން ނުވަތަ "ސަބްސްޓަންސް އޯވަ ފޯމް" އަށް ރިއާޔަތް ކުރަން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ،" އެ ސިޓީގައިވެ އެވެ.

ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރި ސަރުވަޝް ވިދާޅުވީ، މި ހިންގާ މުއާމަލާތަކީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ ވެސް ހިލާފު މުއާމަލާތެއް ކަމަށާއި މިހާތަނަށް ހުށަހަޅާފައިވާ ލިޔުންތަކުން މިކަމުގައި ގާނޫނީ އެއްވެސް ރައުޔެއް ހޯދާފައި ވެސް ނުވާ ކަމަށެވެ.

ޕެންޝަން އޮފީސް މެދުވެރިވެގެން އެމްއެމްއޭ އާއި ސަރުކާރުން ހިންގާ މި މުއާމަލާތުގައި ރުފިޔާގެ ސަޕްލައި އިތުރުކޮށްގެން ނުވަތަ ރަސްމީ ރިޒާވުގައި ހުރި ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކުރި ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ސަޕްލައި މިކަމުގެ ސަބަބުން އިތުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޕެންޝަން ފަންޑަކީ ރާއްޖޭގެ އެތައް ބަޔަކާ ގުޅިފައިވާ އެއްޗަކަށް ވާއިރު މި މުއާމަލާތް ހިންގުމުގައި ދެފުށް ފެންނަ، އަދި ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ސަރުވަޝްގެ ސިޓީގައި ފާޅުކުރައްވާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފަ އެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.

އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ނޫން ކަމަށާއި މިއީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށް ފިނޭންސް މިނިސްޓްރީން މި ހަފުތާގައި ބުނެފައި ވެ އެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.