22 އޮކްޓޯބަރ 2025 - 12:41

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އެ ކޮމިޝަނަށް ރައީސަކު އައްޔަންކުރުމުގެ މައްސަލަ ބަލައި ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ މިއަދުގެ މަޖިލިސް ޖަލްސާގަ އެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވާނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވާ ހަތަރު މެމްބަރުންނެވެ.
އެ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ނަން ފާސްކުރި ތިން ބޭފުޅުންނަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ. ރައީސް ވަނީ އެ ތިން ބޭފުޅުން ވެސް އެ މަގާމަށް އިއްޔެ އައްޔަން ކުރައްވައިފަ އެވެ.
މިފަހަރުގެ އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެމްބަރުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައި ހަތަރު މެމްބަރަކު ވަނީ އެ ކޮމިޝަނަށް ހޮވިފަ އެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާއިން ޒަމްއަތު އަހުމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހިމްގެ އިތުރުން އޮންލައިން މީޑިއާގެ ދާއިރާއިން ހުސައިން ސަގީފާއި ސިމާހާ ނަސީމެވެ.
ކޮމިޝަންގެ ރައީސަކަށް އައްޔަންކުރާނީ އެ ހަތް ބޭފުޅުންގެ ތެރެއިން ކޮމިޓީން ކަނޑައަޅާ ބޭފުޅެކެވެ.
ސަރުކާރުން މީޑިއާ ރެގިއުލޭޝަން ގާނޫނު ތަސްދީގުކުރީ އެއާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަޖިލީހާއި ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާތައް ރެގިއުލޭޓްކުރެވޭ ގޮތަށް އެ ގާނޫނު އޮތުމެވެ.
ކޮމިޝަނަށް މަޖިލިހުން ތިން ބޭފުޅަކު އައްޔަންކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އޮތުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.