ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް
ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ލީގު ބުރުގެ ނުވަ މެޗުން ވަނީ ޖުމްލަ 43 ގޯލާއި ފަސް ރަތް ކާޑު ދައްކައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް
ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް

ރޭ ކުޅުނު މި މެޗުތަކުގައި ހަ ޕެނަލްޓީ ދީފައި ވާއިރު އޭގެ ތެރޭން ކާމިޔާބު ކުރެވުނީ ފަސް ޕެނަލްޓީ އެވެ. އެއީ ބާސެލޯނާގެ ލަމީން ޔަމާލް، އޮލިމްޕިއާކޯސްގެ އައްޔޫބް އަލް ކާބީ، ބޮރޫޝިއާ ޑޯޓްމަންޑްގެ ރަމީ ބެންސެބައިނީ، އިންޓަ މިލާންގެ ހަކަން ކަލްހަނޮގްލޫގެ އިތުރުން ބެޔާ ލެވަކޫސަންގެ އެލެއިކްސް ގާސިއާގެ ޕެނަލްޓީ އެވެ. ކާމިޔާބު ނުވީ ލެވަކޫސަންގެ އަލެހަންދްރޯ ގްރިމާލްޑޯގެ ޕެނަލްޓީ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް
ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް

މީގެ ކުރިން މިއަށް ވުރެ ގިނަ ގޯލު ޗެމްޕިއަންސް ލީގު މެޗު ކުޅޭ ރެއެއްގައި ޖަހާފައި ވަނީ ދެ ފަހަރު އެވެ. ކުރިން 1997 ގައި 12 މެޗުން 44 ގޯލު ޖަހާފައި ވާއިރު، މިދިޔަ ސީޒަންގެ ލީގު ބުރުގެ ފަހު ރޭ ވަނީ 18 މެޗުން ރެކޯޑް 64 ގޯލު ޖަހައިފަ އެވެ.

މި މެޗުތަކުގައި ފަސް ރަތްކާޑު ދެއްކީ، އޮލިމްޕިއާކޯސް، ސައިޕްރަސްގެ ޕާފޯސް، ނަޕޯލީ، ލެވަކޫސަން އަދި ޕީއެސްޖީގެ ކުޅުންތެރިންނަށެވެ.

ސައިޕްރަސްގެ ޕާފޯސް އިން ކަޒަކިސްތާންގެ ކައިރަތާ ވާދަކޮށް 0-0 އިން އެއްވަރުކުރި މެޗުގެ ހަތަރު ވަނަ މިނިޓުން ފެށިގެން ކުޅުނީ އެކަކު މަދުކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ކުރިން ޗެލްސީ އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ.

ނިއުކާސަލް ޔުނައިޓެޑުން 3-0 އިން ހޯޒޭ މޮރީނިއޯގެ ބެންފީކާ ބަލި ކުރި އިރު، ޕީއެސްޖީ ވަނީ 6-2 އިން ނަޕޯލީ ބަލިކޮށް ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅެއް ހޯދައިފަ އެވެ. އަދި އޮލިމްޕިއާކޯސްއާ ވާދަކޮށް ބާސެލޯނާ ވަނީ 6-1 އިން މޮޅުވެފަ އެވެ.

އެންމެ ފަހުގެ ބެލޮންޑިއޯ ކާމިޔާބުކުރި އުސްމާން ޑެމްބެލޭ ވަނީ މަހެއްހާ ދުވަސް ފަހުން އަނިޔާއިން ރަނގަޅުވެ ރޭގެ މެޗުގައި ކުޅެން އަރައި ތިން މިނިޓުތެރޭ ލަނޑެއް ޖަހައިފަ އެވެ. އެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވީ 7-2 އިންނެވެ.

އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން ވަނީ 4-0 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސް ބަލިކޮށްފަ އެވެ. އަދި ބޮރޫޝިއާ ޑޯޓްމަންޑުން 4-2 އިން ކޯޕަންހޭގަން ބަލި ކުރި އިރު އާސެނަލް ވަނީ ފަހު ހާފުގައި ގޯލުތައް ޖަހައި 4-0 އިން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެންޗެސްޓާ ސިޓީ ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-0 އިންނެވެ. ފުރަތަމަ ހާފުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ އާލިން ހާލަންޑާއި ބެނާޑޯ ސިލްވާ އެވެ. މިއާ އެކު ހާލަންޑް ވަނީ ސިޓީއާ އެކު އޭނާ އެންމެ ފަހުން ޖެހިޖެހިގެން ކުޅުނު 12 މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.