22 އޮކްޓޯބަރ 2025 - 12:04

ހުޅުމާލެ 1 ގައި ހުންނަ ހުރަވީ ސްކޫލުގެ ފަސްވަނަ ވަނަ ފްލޯގެ ބިއްލޫރި ބޮޑު ދޮރެއް ރޭ އައި ކޮޅިގަނޑެއްގައި ވެއްޓިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އެ ސްކޫލުގެ ފަސް ވަނަ ފްލޯގައި ހުރި 12 ބިއްލޫރިގަނޑުގެ ދޮރު ސެޓެއް ގަދަ ވައިގެ ސަބަބުން ވެއްޓިފައިވާ ކަމަށެވެ. އޭގެ ސަބަބުން އެންމެ މަތިން ފެށިގެން ހުރިހާ ފްލޯތަކެއްގެ އެކި ހިސާބުތަކާއި ގޯތި ތެރޭގެ ބޮޑު ބަޔަކަށް ބިއްލޫރި ކުނޑިތައް އެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނި ގޮތުގައި ކުދިންނާއި ޓީޗަރުންގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ވަނީ ބިއްލޫރި ކުނޑިތައް ރޭގެ ވަގުތެއްގައި ސާފުކޮށްފަ އެވެ.
މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މެދުރާއްޖެތެރޭގެ މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާ އެކު، ކަނޑުތައް ގަދަ ދުވަސްވަރެކެވެ.
މެޓުން ލަފާކުރާ ގޮތުގައި ވައި ކޮޅިގަނޑުގެ ބާރުގަދަވާ ވަގުތު 45 މޭލަށް ވައި ބާރުވާނެ އެވެ.