އިންޑިއާ އަށް ރޮނާލްޑޯ ނުދިއުމުން ސަޕޯޓަރުން މާޔޫސްވެފައި
އިންޑިއާ އަށް ރޮނާލްޑޯ ނުދިއުމުން ސަޕޯޓަރުން މާޔޫސްވެފައި

އޭއެފްސީ ޗެމްޕިއަންސް ލީގުގައި މިއަދު އިންޑިއާގެ ގޯއާއާ ދެކޮޅަށް ނުކުންނަ ސައޫދީ އަރަބިއްޔާގެ އައް ނަސްރު ޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭތީ އިންޑިއާ ސަޕޯޓަރުން މާޔޫސްވެއްޖެ އެވެ.

އޭޝިއާގެ ކްލަބް މުބާރާތުގައި މި ދެ ޓީމު އެއް ގްރޫޕަކަށް ލައްވާލީއްސުރެ އިންޑިއާ ސަޕޯޓަރުން ތިބީ މި މެޗުގެ އިންތިޒާރުގަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ކުޅުން ހަމަ ލޮލުން ބަލާލަން ފުރުސަތު ލިބޭނެތީވެ އެވެ. ޖުމްލަކޮށް މުޅި އިންޑިއާ ފުޓްބޯޅަ އޮތީ މި މެޗަށް ކެތްމަދުވެފަ އެވެ.

އެކަމަކު ރޮނާލްޑޯ ވަނީ މި މެޗު ނުކުޅެން ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އޭނާ ބެލުމަށް ގިނަ ބަޔަކު އެއްވެ، މެޗަށް ވުރެ ބޮޑު ފޯކަސްއެއް އެކަމަށް ހިނގައިދާނެތީއާ އެކު އެވެ. އުމުރުން 40 އަހަރުވެފައިވުމާ އެކު، ރޮނާލްޑޯ އިންޖަރީން ސަލާމަތުން ހުރުމަށްޓަކައި، މިހާރު ކުޅެނީ ވެސް ވަރަށް މުހިއްމު މެޗުތައް އެކަންޏެވެ. ސައުދީ ޓީމާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން ގައުމުން ބޭރުގައި ކުޅޭ މެޗުތަކުގެ ތެރެއިން އޭނާ ބޭނުން މެޗެއް ނުކުޅެ ދޫކޮށްލުމުގެ އިހުތިޔާރު ލިބެ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފަހު ވަގުތު ވެސް ރޮނާލްޑޯ ހިޔާލު ބަދަލުކޮށް އިންޑިއާ އަށް އަތުވެދާނެ ކަމަށް އެއް ބަޔަކު ތިބީ ހީކޮށްގެންނެވެ. އެގޮތުން މާގައޫގެ އެއާޕޯޓުގެ ސެކިއުރިޓީ ވެސް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. ފުލުހުން ވެސް ތިބީ ތައްޔާރީ ހާލަތުގަ އެވެ. އިންޑިއާގައި ނަސްރު ޓީމު ތިބޭ ހޮޓަލުން ވެސް އޮތީ ޕްރެޒިޑެންޝަލް ސުއިޓާއި، ޖެހިގެން ހުރި ކޮޓަރިތައް ރިޒާވްކޮށްފަ އެވެ.

ނަމަވެސް ރޮނާލްޑޯ ނާންނަކަން ކަށަވަރުވުމާ އެކު، އެހެން ހިސާބުތަކުން މި މެޗު ބަލަން އަންނަން ތިބި ގިނަ ބަޔަކު ވަނީ ދަތުރު ކެންސަލްކޮށްފަ އެވެ. އަދި ބޮޑު އަގުގައި މެޗު ޓިކެޓް ގަތް މީހުން އަންނަނީ ނުއަގުގައި ޓިކެޓް ވިއްކާލަން މަސައްކަތްކުރަމުންނެވެ.

ރޮނާލްޑޯ ނެތަސް ނަސްރު ޓީމުގައި ސުޕަސްޓާރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ޕޯޗުގީސް ފޯވާޑް ޔޮއާ ފެލިކްސް އާއި، ލިވަޕޫލުގެ ކުރީގެ ފޯވާޑް ސަޑިއޯ މާނޭ އާއި، ބާސެލޯނާއާ އެކު މިދިޔަ ސީޒަނުގައި ކާމިޔާބު ހޯދި އިނިގޯ މާޓިނޭޒް އަދި، ބެޔާން މިއުނިކުގެ ކުރީގެ ތަރި ކިންގްސްލީ ކޯމަން ހިމެނެ އެވެ. އެ ޓީމުގެ ކޯޗަކީ ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ޖޯޖް ޖީސުސް އެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޖީސުސް ބުނީ އޭނާގެ ގައުމުން 450 އަހަރު ވަންދެން ވެރިކަންކުރި ގޯއާ އަށް އާދެވުމުން އުފާވާ ކަމަށާއި، މިއީ އޭނާގެ ގައުމުގެ ތާރީހާ ގުޅިފައި އޮތް މުހިއްމު ސްޓޭޓެއް ކަމަށެވެ.
ގޯއާގެ ސީއީއޯ ރަވީ ޕުސްކަރް ވިދާޅުވީ ރޮނާލްޑޯ ނެތަސް ނަސްރު އަކީ، އިންޑިއާގައި މިހާތަނަށް ކުޅޭނެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށެވެ. އެގޮތުން އެ ޓީމުގައި ތިބި ތަރިންނަކީ ޔޫރަޕުގެ ބާރުތައް ކަމަށްވާ ސްޕެއިނާއި، ޕޯޗުގަލް ގައުމީ ޓީމުގެ ތަރިން ކަމަށް އޭނާ ބުންޏެވެ.

ގޯއާ އަކީ އިންޑިއާގެ ފުޓްބޯޅައިގެ އެންމެ ފޯރިބޮޑު ހިސާބެވެ. އެގޮތުން ގޯއާ އަށް ނިސްބަތްވާ ޗާޗިލް ބްރަދާސް، ޑެމްޕޯ، ސަލްގައޯކާ ހިމެނެނީ އިންޑިއާގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގަ އެވެ. އެކަމަކު އިންޑިއާގެ ބޮޑެތި މެޗުތައް ގިނައިން ކުޅެފައިވަނީ ފުޓްބޯޅައިގެ ފޯރިބޮޑު އިރުމަތީ ކަލްކަތާގަ އެވެ. އެގޮތުން ބްރެޒިލްގެ ލެޖެންޑް ޕެލޭ ވަނީ ކަލްކަތާގައި މެޗެއް ކުޅެފަ އެވެ.