އެމްއެމްއޭގެ ރިސާޗް ގްރާންޓަށް ފުރުސަތު ހުޅުވާލައިފި
އެމްއެމްއޭގެ ރިސާޗް ގްރާންޓަށް ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗް ފަންޑުގެ ދަށުން ރިސާޗް ޕްރޮޕޯސަލްތަކަށް ހުޅުވާލައި، އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

މިއީ އެއް މިލިއަން ރުފިޔާގެ ރިސާޗް ފަންޑެކެވެ.

އެމްއެމްއޭ އިން ބުނީ، އޭގެ ބޭނުމަކީ ރާއްޖެއަށް ދިމާވާ އިގްތިސާދީ މާލީ އަދި ތަރައްގީގެ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަނެ އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުން ކަމަށެވެ.

އެ ފަންޑު މެދުވެރިކޮށް އެމްއެމްއޭ އިން ބޭނުންވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އަމިއްލަ ފަރުދުންނަށާއި ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި ތިންކް ޓޭންކްތައް އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާކާރު ދިރާސާވެރީންނަށެވެ.

އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް އެދި ހުށަހަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ހުށަހަޅާ ޓީމުތައް ލީޑްކުރާ ފަރާތް ވާން ވާނީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮންނަ ފަރާތަކަށެވެ.

ގްރާންޓަށް ކުރިމަތިލާ ރިސާޗަރުން ޕީއެޗްޑީ އޮތުމަށް އެމްއެމްއޭއިން ބާރުއަޅަ އެވެ.

ކޮލަބްރޭޓިވް ރިސާޗްގެ ކެޓެގަރީން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް ވާންނާނީ އެމްއެމްއޭ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ ރިސާޗް ޕްރޮޕޯޒަލްތަކަށެވެ. އެ ޕްރޮޕޯޒަލަކީ އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުމަކަށް ވާންވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ރިސާޗް ގްރާންޓްގެ އިތުރުން، މި ފަންޑުގައި ފޮތް ގްރާންޓްގެ ބައެއް ހިމެނެ އެވެ. މި ބަޔަށް ކުރިން ފޮތް ޝާއިއުކޮށްފައިވާ ނުވަތަ އެއާ އެއް ފެންވަރުގެ ތަޖުރިބާ ހުރި ފަރުދުންނަށް ނުވަތަ ޓީމުތަކަށް ހުޅުވާލާފައިވެ އެވެ. ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެވިދާނެ އެވެ. އަދި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މާލީ ސިޔާސަތުތަކާ ބެހޭ ދިރާސާތައް ހިއްސާކޮށްދިނުމަށް ތައްޔާރުކުރާ ފޮތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީއާއި، ފައިސާގެ ސިޔާސަތާއި، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި، މޫސުމާއި ދެމެހެއްޓެނިވި ތަރައްގީއާއި، ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަންއާއި، އިސްލާމިކް ފައިނޭންސާއި، ތައުލީމީ ދާއިރާއާއި ވަޒީފާގެ ބާޒާރު ހިމެނެ އެވެ.

ރިސާޗް ގްރާންޓުގެ ދަށުން ހޮވޭ ޕްރޮޕޯޒަލަށް ދިރާސާއާ ގުޅުން ހުރި ހަރަދުތައް ކުރުމަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. އޭގެ ތެރޭގައި މައުލޫމާތު އެއްކުރުމާއި، ފީލްޑްވޯކާއި، ރިސާޗް އެސިސްޓެންސާއި، އަދި ދިރާސާ ޝާއިއުކުރުމުގެ ހަރަދުތައް ހިމެނެ އެވެ. ދިރާސާ މަސައްކަތް ޕިއަ ރިވިއު ކުރެވި، އެމްއެމްއޭގެ މުވައްޒަފުންނާއެކު ދިރާސާ ޕަބްލިޝްކުރުމާއި، އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުސަތުތައް ލިބޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ ގްރާންޓަށް މި މަހުގެ 30ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ރިސާޗް ކުރަން ހޮވޭ ފަރާތްތައް އަންނަ މަހުގެ 9ގެ ކުރިން ކަނޑައަޅާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.