ޓޫރިސްޓުން އިތުރު، އެކަމަކު ޓާގެޓު ހާސިލްވާނެ ކަމަކަށް ނުބެލެވޭ
ޓޫރިސްޓުން އިތުރު، އެކަމަކު ޓާގެޓު ހާސިލްވާނެ ކަމަކަށް ނުބެލެވޭ

މި އަހަރު ގެންނަން އަމާޒުކުރި ޓޫރިސްޓުންގެ އަދަދު ހަމަކުރަން، ކުރިއަށް އޮތް ދެ މަހު ހަ ލައްކަ ޓޫރިސްޓުން ގެންނަންޖެހޭނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 1.7 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެންމެ މުހިއްމު އަމާޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ އަހަރު ނިމޭ އިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.

މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ކުރިއަށް އޮތް ދެ މަހު، ކޮންމެ މަހަކު އެންމެ މަދުވެގެން ގާތްގަނޑަކަށް ތިން ލައްކަ ޓޫރިސްޓުން ގެނެސްގެން ނޫނީ އަމާޒަށް ވާސިލެއް ނުވާނެ އެވެ. އެކަމަކު އެއީ މިހާތަނަށް އެއް މަސްތެރޭ ރާއްޖެއަށް ޓޫރިސްޓުން ގެނެވުނު އަދަދެއް ނޫނެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ކަމުގެ ރެކޯޑް އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ 217،000 އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ، ޖެނުއަރީ މަހު އެވެ. އެއީ 214،000 އެވެ.

މި މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މު މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 10 ޕަސެންޓު އިތުރެވެ. އެ ރޭޓުން ކުރިއަށް އޮތް ދެ މަހުގެ ޓޫރިސްޓުން އިތުރުވި ނަމަވެސް، އަންނަ މަހު ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 190،000 ޓޫރިސްޓުންނެވެ. އަދި ޑިސެމްބަރު މަހު އަންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 225،000 ޓޫރިސްޓުންނެވެ. އެ އަދަދުން ބަލައިފި ނަމަ، އެންމެ ގިނަވެގެން ވެސް ކުރިއަށް އޮތް ދެ މަސް ތެރޭ ރާއްޖެއަށް ގެނެވޭނީ ހަތަރު ލައްކައެއްހާ ޓޫރިސްޓުންނެވެ.

އެހެންވެ، މިހާރު ޓޫރިސްޓުން އަންނަ ޓްރެންޑަށް ބަލައިގެން ހިސާބު ހަދާ ނަމަ، މި އަހަރު ނިމޭ އިރު އެންމެ ގިނަވެގެން ވެސް ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ 2.1 ޓޫރިސްޓުންނެވެ. އެއީ ޓާގެޓަށް ވުރެ ދެ ލައްކަ ދަށް އަދަދެކެވެ. އަދި ބަޖެޓު ފޮތުގައި ލިޔެފައިވާ ޓާގެޓަށް ވުރެ 100،000 މަދު އަދަދެކެވެ.

ޓޫރިޒަމް ދާއިރާ ޕްރޮމޯޓު ކުރުމަށް މި އަހަރު ކަނޑައަޅާފައި އޮތީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު ދެ ގުނަ ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިޒިޓް މޯލްޑިވްސް އިން އަހަރު ފެށުނު އިރު ބުންޏެވެ. ނަމަވެސް ބަޖެޓު އިތުރުކޮށްފައެއް ނުވެ އެވެ.