ސިމްޑީން ކެއާ ސޮސައިޓީއާ އެކު ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް އިތުރު ދަރިވަރަކު ހޮވައިފި
ސިމްޑީން ކެއާ ސޮސައިޓީއާ އެކު ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް އިތުރު ދަރިވަރަކު ހޮވައިފި

ސިމްޑީ ގްރޫޕުން ކެއާ ސޮސައިޓީ މޯލްޑިވްސްއާ އެކު ޕާޓްނާޝިޕް އާކޮށް، ކުރިއަށް ގެންދާ ރެޑިނަސް ފޮ އެމްޕްލޯއިމަންޓް" އިންޓާންޝިޕް ޕްރޮގްރާމުން އިތުރު ދަރިވަރަކަށް ފުރުސަތުދީފި އެވެ.

ސިމްޑީން ކެއާ ސޮސައިޓީއާ އެކު ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް އިތުރު ދަރިވަރަކު ހޮވައިފި
ސިމްޑީން ކެއާ ސޮސައިޓީއާ އެކު ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް އިތުރު ދަރިވަރަކު ހޮވައިފި

މިއީ އެ ޖައްމިއްޔާގެ ކެއާ ޑިވަލޮޕްމަންޓު ސެންޓަރުގައި ކިޔަވާ ދަރިވަރުންނަށް ވަޒީފާގެ މައިދާނުގައި ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށާއި ވަޒީފާތަކަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދީ ކުދިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސިމްޑީން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މިއީ، މި އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ.

މި ޕްރޮގްރާމް ފެށި ފުރަތަމަ އަހަރު ކެއާ ސޮސައިޓީގައި ކިޔަވަމުން ދިޔަ ދަރިވަރު އަހުމަދު އާހިލް ނަދީމަށް ސިމްޑީ ޓެކް ސާވިސް ސެންޓަރުން ވަނީ ފުރުސަތު ދީފަ އެވެ. އެއަށް ފަހު ޖެހިގެން އައި އަހަރު ސިމްޑީ ގްރޫޕުގެ ސަބްސިޑަރީއެއް ކަމަށްވާ އައިސީޕީން ފާތުމަތު ޝިފާއަށް ފުރުސަތު ދިނެވެ. މި ދެ ދަރިވަރުންގެ ކާމިޔާބީއަށް ބެލުމަށް ފަހު މި އަހަރު ކެއާ ޑިވެލޮޕްމަންޓު ސެންޓަރުގައި ކިޔަވަމުން އަންނަ، ފާތުމަތު ޔަދްޔާ ރަޝީދަށް ފުރުސަތު ދީފައިވާ ކަމަށް ސިމްޑީން ބުންޏެވެ.

ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ދީދީ ވިދާޅުވީ، މި އިންޓާންޝިޕް ފުރުސަތަކީ ދަރިވަރުންނަށް އަމިއްލަ ދިރިއުޅުމެއް ބިނާ ކުރުމުގެ އުއްމީދު ހޯދައިދީ، އެ ކުދިންގެ ހުރި ޕޮޓެންޝަލް އިތުރަށް ތަރައްގީކޮށް، އިންކްލޫސިވިޓީ އޮންނަ މަސައްކަތުގެ މައިދާނެއް ބިނާކުރުމުގެ ގޮތުން އެކުންފުނިން ހިންގާ މުހިންމު ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމް ނިންމި ކޮންމެ ދަރިވަރަކު ވެސް މަސައްކަތުގެ މާހައުލުގައި ގިނަ ކަންތައްތަކެއް ދަސްކޮށް، ހޯދާފައިވާ ކުރިއެރުންތަކާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ސިމްޑީގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން މިފަދަ އެކި ހަރަކާތްތައް އެކި ޖައްމިއްޔާތަކާ އެކު ދަނީ ހިންގަމުންނެވެ. މިއީ މުޖުތަމައުގެ ކުރިއެރުމަށާއި އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައުއެއް ބިނާ ކުރަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކެވެ.