22 އޮކްޓޯބަރ 2025 - 11:42

ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖަވާބު ދެއްވިއިރު، އަޑުގަދަކޮށް ވާހަކަ ދެއްކެވި މެންބަރަަކަށް އޭނާ ރައްދު ދެއްވުމާ އެކު ތަޅުން ހޫނުވެ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަން އިއްވައިފި އެވެ.
މިނިސްޓަރު ޝަހީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގަތީ ކެންދޫގައި މިސްކިތެއް އަޅަން، ފެށި މަޝްރޫއުއެއް ހުއްޓިފައި ވާތީ އެކަމާ ބެހޭ ގޮތުން މެމްބަރު މައުރޫފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
އެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން ސުވާލު ކުރަން މެންބަރުންނަށް ދިން ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޝަހީމް ޖަވާބު ދެއްވަމުން ގެންދަވަނިކޮށް، އެ ޖަވާބު އަޑު ނާއްސަވައި ނާޒިލު އަޑުހަރުކޮށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ.
އައްޑޫ ހިތަދޫގައި އިމާރާތް ކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރާ ހަވާލާ ދެއްވައި ނާޒިލް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ކަމަށެވެ. އެއާ އެކު، ނާޒިލް އެއްސެވީ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެތޯ އެވެ.
"އިއްޒަތެރި މެންބަރު ތިޔަ ހިއްސާ ކުރެއްވި މައުލޫމާތަކީ މުޅިން ހަގީގަތާ ހިލާފު މައުލޫމާތެއް. އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލުުކޮށްފައިވާ ކުންފުންޏަށް، އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ. ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ. ކެޕޭސިޓީ ނެތް ފަރާތްތަކާ މަަސައްކަތް ހަވާލުކުރީމާ މަޝްރޫއު ލަސްވަމުން ދަނީ،" ނާޒިލްގެ ތުހުމަތުތަކަށް ދެއްވި ރައްދުގައި މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އެ މޭރުމުން ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު، މެމްބަރު ނާޒިލާއި އެހެން އެހެން ބައެއް މެންބަރުން ވެސް އަޑުގަދަ ކުރެއްވި އެވެ. އެއާ އެކު ޝަހީމް ވިދާޅުވީ "އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައި ޖަވާބު އަޑު އައްސަވަން ވާނެ" ކަމަށެވެ.
ސުވާލު ކުރައްވާފައި ޖަވާބު އަޑު އެއްސެވުމުގެ ގާބިލުކަން ހުންނަން ވާނެ ކަމަށް ވެސް ނާޒިލަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރު ދިޔައީ 50 މިލިއަން ރުފިޔާ އިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ކަމަށާއި ސުވާލު ކުރައްވަން މެންބަރު ލަދުގަންނަ ޖެހޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އެ ހިސާބުން މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ ދެމެދު ބޮޑު ޒުވާބެއް ފެށުނެވެ. އަދި އެމްޑީޕީގެ މެމްބަރުން، މިނިސްޓަރުންނަށް ހާއްސަ މޭޒު ކައިރި އަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. މަޖިލިހުގެ ފްލޯގެ ސެކިއުރިޓީން ވެސް އެމްޑީޕީ އާއި ޕީއެންސީގެ މެމްބަރުންގެ ދެމެދަށް ވަދެ ކޮންޓްރޯލް ކުރަން އުޅުނު ވަގުތު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކޮއްޕާލި ތަން ފެސް ފެނުނެވެ.
ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ތަކުރާރުކޮށް ނަސޭހަތް ދެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރަށެވެ.
މައުެރޫފް އިށީނދެވަޑައިގެންނެވުމަށް ތަކުރާރުކޮށް އިންޒާރު ކުރެއްވުމަށް ފަހު އޭނާގެ ނަން އިއްވައި ތަޅުމުން ނުކުމެވަޑައިގަންނަވަން ނާޒިމް އެންގެވި އެވެ.
އޭގެ ފަހުން ވެސް މެންބަރުން ޝަހީމާ ކުރެއްވި ސުވާލުތަކަށް އޭނާ ޖަވާބު ދެއްވި އެވެ.