22 އޮކްޓޯބަރ 2025 - 12:43

ހުރިހާ ވަގުތެއްގައި މެޑިކަލް އެޓެންޝަން ބޭނުންވާ ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ރާއްޖޭން ހިލާފުވެފައި ވާތީ އެ އުސޫލަށް އަމަލުކުރަން ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑެތި ބަލިތަކުގެ މީހުން ހައްޖަށް ނުގެންދަން އަންގާފައި އޮންނަނީ އެމީހުންގެ ފުރާނަ ރައްކާތެރިކުރަން ކަމަށެވެ. ސައުދީ އަރަބިއްޔާއިން އެ ގޮތަށް އުސޫލު ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖޭން އަމަލުކުރަމުން އައީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މިދިޔަ ފަސް އަހަރުގެ ތެރޭގައި، އެންމެ ފުރަތަމަ އަހަރުން ފެށިގެން ބޮޑެތި ބަލިތަަކުގެ މީހުންނަށް ކޯޓާގެ ފަސް ޕަސެންޓް އޮތް ރާއްޖޭން ރަސްމީކޮށް ހަމަޖައްސާފައި. އެއީ ސައުދީ އަރަބިއްޔާގެ އުސޫލުތަކާ ހިލާފަށް ކުރި ކަމެއް. އެހެންކަމުން ރާއްޖެއަށް މިހާރު އަންގާފައި އޮތީ ރަސްމީކޮށް، ސީދާ ދިވެހިރާއްޖޭން އުސޫލުތަކަށް ތަބާވުމަށް،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ. އަދި އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެންނެވެ. އަދި ސިއްހީ ވަކި ހާލަަތްތަކެއް ކުރިމަތިވެފައި ނުވާ މީހަކަށް ހައްޖުވެރިޔާ ވާންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތުން، އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުމާއި އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުމާއި ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުމާއި ޑަޔަލިސިސް ހަދާ މީހަކަށް ނުވުމަކީ ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުމާއި ބުއްދިއަށް އަސަރުކޮށްފައިނުވާ މީހަކަށްވުމާއި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަަކަށް ނުވުމާއި ވިހަން ކައިރިވެފައިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލި މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ހުރެގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.