މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާ އެކު 15 މަޝްރޫއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާ އެކު 15 މަޝްރޫއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހުރިހާ މަޝްރޫއެއް ވެސް ނިންމަން ސަރުކާރުން އަންނަނީ ވަރަށް ބުރަކޮށް މަަސަައްކަތް ކުރަމުން ކަމަށެވެ. އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފނިތަކަށް، މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި. އެއީ މަޝްރޫއުތައް ނިންމުމަަށް. މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ކުރިން، ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގެ ނިމިގެންދާނެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެއީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރަން ރައީސް އިއުލާނުކުރައްވާފައިވާ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންކަމުން މިއަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް މި ފަށަނީ، މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި އަޅުގަނޑުމެން ވާނީ ގޮފިތައް ހެދުމުގެ މަސއްކަތް ފަށާފައި،" ޝަހީމް ވިދާޅުވި އެވެ.

ގުރުއާނުގެ އިލްމު ކިޔަވައިދޭން ގާބިލު ޓީޗަރުން ނެތް ރަށްރަށަށް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުން ޓީޗަރުން ވެސް ގެންނާނެ އެވެ.