22 އޮކްޓޯބަރ 2025 - 09:17

ޖިންސީ ނިޔަތެއްގެ އޮވެގެން ކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޑަކުދިންގެ މަސްލަހަތާ ގުޅުން ހުންނަ މި ބާވަތުގެ މައްސަލަތަކުގައި ކުދިންގެ ވަނަވަރު ހާމަވާ ގޮތަށް މައުލޫމާތު ދިނުމަކީ ގާނޫނުން މަނާ ކަމަކަށް ވާތީ ކޯޓުން ވެސް ވަނީ މި މައްސަލައިގެ ތަފްސީލް އާންމު އުސޫލުން ސިއްރުކޮށްފަ އެވެ. މައްސަލައިގެ ގަޒިއްޔާ ނަންބަރުން އެނގޭ ގޮތުގައި މިއީ މި އަހަރު ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ކޯޓުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރި މި މީހާގެ މައްޗަށް ސާބިތުވެފައިވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށެވެ.
މި ކުށަށް 10 އަހަރުގެ ޖަލު ހުކުމް އައީ އީމާން އިބްރާހިމް ރަފީއު ކިޔާ މީހަކަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.