ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި
ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި

މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްޔެގެ ނިޔަލަށް ފުލުހުންގެ ހިދުމަތް ގާއިމް ކޮށްދީފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.

ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި
ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި

އެ މަނިކުފާނު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ، މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން އެ ހިދުމަތް ގާއިމްކުރީ ރ. ރަސްގެތީމުގައި ކަމަށެވެ.

ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި
ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި

"މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ވަނީ ގާއިމްކޮށް ނިމިފައި. 5:15 ގައި ރ. އަތޮޅުގެ ރަސްގެތީމުގައި އަޅުގަނޑުމެން ފުލުހުންގެ ހިދުމަތް ގާއިމް މި ކުރީ،" ރޭގެ ބައްދަލުވުމުގައި ރައީސް އިއުލާން ކުރެއްވި އެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް މި އަހަރުގެ ނިޔަލަށް ނިންމާނެ ކަން ރައްޔިތުންގެ މަޖިލިހަށް މި އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާނެ އެވެ.

"އެހެންވީމާ ﷲ އިރާދަކުރެއްވީތީ އޭގެ ގާތްގަނޑަކަށް ދެ މަސް ކުރިން އެ ކަން އަޅުގަނޑުމެން ކޮށް ނިންމިގެން މި ދިޔައީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ނޮވެމްބަރު 17، 2023 ގައި މަގާމުގެ ހުވާކުރެއްވިއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ހިދުމަތް ދެމުން އައީ އެންމެ 17 ރަށުގައި ކަމަށެވެ. އެކަމަކު، ފުލުހުންގެ އަމިއްލަ އިމާރާތެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ވެސް 63 ރަށެއްގައި ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އޭގެ އިތުރަށް ސޮއިކުރެވި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ 36 ރަށާ އެކީގައި ޖުމުލަ 99 ރަށުގައި މިހާރު ފުލުހުންގެ އަމިއްލަ އިމާރާތް ހެދުމުގެ މަސައްކަތް އެ ދަނީ ކުރިއަށް. އަދި ހަމަ އެއާ އެކީގައި މި މަހުގެ ތެރޭގައި، ބާކީ މި އޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި އަދި އިތުރު 39 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ހަވާލުކުރަން އެކި ފަރްތަކާ،" ރައީސް ވިދާޅުވި އެވެ.

"މާނައަކީ 138 ރަށުގައި މި އަހަރު ނިމޭއިރުގައި ފުލުހުންގެ އިމާރާތް އެޅުމުގެ އާ މަޝްރޫއުތައް ހިނގަމުންދާނެއޭ."

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް މި ދައުރު ނިމޭއިރު ގާއިމްކޮށްދީ ނިންމުމެވެ. އަދި އެ ކަން ހާސިލް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ގަބޫލު ކުރަނީ ފުލުހުންގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަމަށާއި އެ ހިދުމަތް ރަނގަޅު ފެންވަރުގައި ދެވެން ޖެހޭނެ ކަމަށެވެ. އެކަމަކު، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތް ކަމަށް ވިދާޅުވި އެވެ.