22 އޮކްޓޯބަރ 2025 - 08:05

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝާނެއް ހިންގައި، ވަގަށް ނަގާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ބައިތައް ހޯދާފައިވާ ކަމަށެވެ.
އަދި އެ "ވައްކަމަށް" ފަންޑުކުރި ކަމަށް މިހާތަނަށް ތުހުމަތު ކުރެވޭ ހަަތަރު މީހުންގެ އިތުރުން އެހެން މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މެސެޖުގައި ވެ އެވެ.
އެކަމަކު، އެ މީހާ އާއި މި މައްސަލައާ އޮތް ގުޅުމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައި ރޭގައި ހައްޔަރުކުރި މީހާގެ އިތުރުން ހަތަރު މީހެކެވެ.
އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯންޑިންގްސްގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40 އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ، 48 އެވެ.
އެ އެންމެން ވެސް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަކަށް ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ އެ ކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.
އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނާ ބަހައްޓާފައި ހުރީ އެ ތަކެތި ރާއްޖެ އަށް ވަގަށް އެތެރެކުރި މައްސަލައިގެ ތަހުގީގު ނުނިމޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ. އެހެން ހުއްޓާ ސިނގިރޭޓްތައް ވަގަށް ނަގާފައިވާ ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
އޭގެ ފަހުން ފުލުހުން ބޮޑު ތަހުގީގެއް ފެށި އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލް ޖެހުމަށް ފަހުގަ އެވެ. އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ ބިންލާދިން ގުރޫޕުގެ ނަމުގައި ވަގަށް އެތެރެކުރި ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.