22 އޮކްޓޯބަރ 2025 - 06:47

އަތޮޅުތަކާއި ރަށްތަކުގެ މެދުގައި އަދުލުވެރިކަން ގާއިމް ކުރައްވާނެ ކަމަށާއި މިހާރު އެ މަނިކުފާނު ކުރައްވާ ކަމަކީ ޒަމާނުއްސުރެ އޮތް އެ ތަފާތުކުރުންތައް ނައްތާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެއީ ސައިޒާއި އާބާދީގެ ގޮތުން ބަލާއިރު ބޮޑު ރަށަކަށް ވިޔަސް އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަތައް ޒަމާންތަކެއް ވަންދެން ދެއްކިއިރު އެކަށީގެންވާ ވަރުގެ ތަރައްގީއެއް އެއްވެސް ބަޔަކަށް ގެނެސް ނުދެވުނު ކަމަށެވެ.

އެއީ ގަމުގެ ރައްޔިތުން އަބަދުވެސް ދައްކާ އަދި ހަގީގީ ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޒިންމާއަކީ ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އަދުލުވެރިކަމާ އެކީގައި ގަމުގެ ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ފުރިހަމަ ކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަތޮޅުތަކާއި އެކި ސަރަހައްދުތަކާއި ރަށްތަކުގެ މެދުގައި ތަފާތު ކުރުމަކީ ކޮންމެވެސް ސަބަބަކާ ހެދި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އާދައެކެވެ. އެކަމަކު، އެއީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އަޅުގަނޑު ވައުދު ވެގެން އައީ އަދުލުވެރިކަން ގާއިމް ކުރުމަށް. ހަމަޖެހުން ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް. ގައުމުގައި ހަމަޖެހުމެއް ގާއިމެއް ނުވާނެ އަދުލުވެރިކަން ގާއިމް ނުކުރެވިއެއް، ތަފާތު ކުރުން ނައްތާނުލައެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ، ރައީސް ވިދާޅުވީ، އެކި އަތޮޅުތަކާއި ރަށްތަކާއި ސަރަހައްދުތަކުގެ މެދުގައި ޒަމާނުއްސުރެ ބޭއިންސާފުން ކަންކަން ކުރަމުން އައި ކުރުން ނިމުމަކަށް ގެނައުމަކީ އެ މަނިކުފާނު މިހާރު ކުރައްވާ ކަންތައް ކަމަށެވެ. އެކަން މިހާރު ވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ރަށްރަށުގައި އެކި ސަރަހައްދުތަކުން އެ ރަށްރަށުގެ ރައްުޔިތުންނަށް މިކަން ގަބޫލުފުޅު ކުރެއްވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދުލުވެރިކަން ގާއިމް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގަމުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ޒިންމާއެކެވެ. އެހެންވެ، އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަމުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި 100 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން އެމްޓީސީސީއާ ހަވާލުކުރި އެވެ.
މީގެ އިތުރުން ގަމުގައި އިތުރު ބަނދަރެއް ހެދުމާއި އެ ރަށުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަން ވެސް އެމްޓީސީސީއާ އެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ރޭ ސޮއިކުރި އެވެ.