ވާހަކަ- އަންޖަލް
ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

ގަޑިން މެންދުރު ދޭއް ޖަހަން އުޅެނިކޮށް އަންޖަލްގެ ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އަންޖަލްއަށް ވުރެ ކުރިން އަންޖަލްގެ ކޮއްކޮމެން ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ތިބި ދެ މީހުން ކުރެ އެކަކީ ރާއިފުއެވެ. އަނެކަކަކީ، ދޮރު ހުޅުވި ދެބެން ދަންނަ މީހެއް ނޫނެވެ. ދޮރު ހުޅުވައިލުމާ އެކު އޭނަގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ވީ ގޮތް ރާއިފުއަށް އެނގުނެވެ. އެތެރެއިން ދުވި ވަހަކީ ރާއިފު ވެސް މާ ގަޔާވާ ވަހެއް ނޫނެވެ. އެހެނަސް، ރާއިފުއަށް ކެތްކުރެވިދާނެއެވެ. ކެތްނުކުރެވުނީ ދެން ހުރި މީހާއަށެވެ. އޭނައަކީ، އަންޖަލްގެ ކާފަ އާއި މާމަގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކޮށްލަން އައި "މީހާ" އެވެ. ދެ މީހުން ކުރެ އެކަކު ވެސް އެތެރެއަށް ނުވަނުމުން އަންޖަލް ދޮރު ކައިރިއަށް ގޮސް ބަލައިލިއެވެ.

"ވަދެބަލަ!" އަންޖަލް ބުންޏެވެ. "ކީއްވެތަ ތި ތިބެނީ؟"

ކައިރީގައި ހުރި މީހާއަށް ރާއިފު ބަލައިލިއެވެ. އޭނަ ބޭނުން ނަމަ، ތެޔޮ އަންދަން ބޭނުންކޮށްފައިވާ އުއްބައްތި ނިއްވައިލެވުނީހެވެ. އޭރުން ވެސް، އަވަހަކަށް ވަހެއް ނުފިލާނެއެވެ. މީރު ވަސް ދުވާ އެތައް ހާސް އެއްޗެއް ހުއްޓައި، އެ ވަހަކަށް ކެތް ނުކުރެވޭ ހައި ނުބައި ވަހެއް ދުވާ އެއްޗެއް ގޭގައި ރޯކޮށްފައި ހުރި ސަބަބެއް އޭނައަކަށް ނުވިސްނެއެވެ.

"ގެ ފެނިއްޖެއްނު!" ރާއިފު ކައިރީގައި ހުރި މީހާ ބުންޏެވެ. "ދެން އަހަރެން ދަނީ! އިރުކޮޅަކުން އަންނާނަން."
އެކަކަށް ވެސް ހީނނުލައި އޭނަ ދިޔައެވެ. ރާއިފު އެތެރެއަށް ވަނެވެ. ރާއިފުއަށް ރަނގަޅީ އޭނަ ނައިއްޔާއެވެ. ކައިވެންޏަށް ފަހު އަންޖަލް އާއި އަންޖަލްގެ މާމަ ކާފަގެ ހިޔާލު ރާއިފުއަށް ބަދަލު ކުރެވިދާނެއެވެ. ބޭނުންވަނީ ވަގުތުކޮޅެކެވެ.

"އެއީ ކާކު؟" އަންޖަލް އެހިއެވެ. "އޭނަ ހީވަނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފަ ހުރި ހެން."
"އެއީ ފްރެންޑެއް،" ރާއިފު ބުންޏެވެ. "މާލެއަށް ވަރަށް ފަރިތަވާނެ. އެހެންވެ ގޮވައިގެން މި އައީ. އޭނަ އަބަދު ވެސް ހުންނާނީ އެހެން."

"ރާއިފު ބަސްއަހައިގެން ހުރި ގޮތުން ހީވަނީ އޭނައަކީ މާ މަތީ މީހެއް ހެން،" އަންޖަލް ބުންޏެވެ. "އަހަރެން ހީކުރީ ރާއިފު އަންނާނީ މަންމަޔާ ބައްޕަޔާ އެއްކޮށް ކަމަށް."

"ނުބުނަމެއްނު!" ރާއިފު ބުނެލިއެވެ. "ހާދަހާ މީރުވަހެކޭ އެ ދުވަނީ. އެއީ ކޮން ވަހެއް؟"

"ލެވެންޑާ!" ގާތުގައި ހުރި ދިމްނާ ބުންޏެވެ.

އުއްބައްތިއަށް ބަލައި ވެސް ނުލައި ރާއިފު ހުޅުކޮޅު ނިއްވައިލިއެވެ. ނިވުނު ކަމެއް އެކަކަށް ވެސް ނޭނގެއެވެ.

ނިޒާރު އާއި މުހުސިނާ ކޮޓަރިން ނުކުތެވެ. ރާއިފުއާ ނިޒާރު ސަލާން ކޮށްލީ ކުރިން ކުރާ ގޮތަކަށް ނޫނެވެ. ނިޒާރުގެ މޫނުމަތިން ރާއިފުއަށް ފެނުނީ ލޯތްބާއި ގާތްކަމެވެ. އެއީ ކީއްވެ ކަން ރާއިފުއަށް އެނގެއެވެ. ރާއިފުއަކީ އަންޖަލްގެ ކާކުކަން ނިޒާރަށް އެނގުނީއެވެ.

ބައްތީގެ ހުޅުކޮޅު ނިވުމުގެ އިތުރަށް ތެޔޮ އަޅާފައިވާ އެތީގައި ހުރި ތެޔޮފޮދު އާތްވަށް އަރައިގެން ދިޔައެވެ. އެއީ ވެސް މީހަކަށް ރޭކާލި ކަމެއް ނޫނެވެ. ކެއުމަށް އިންސާފު ކުރަން ފެށި، ވާހަކައިން ވާހަކަ ފަޅައި ކުރިލަމުން ދިޔައެވެ. ހުވަނދުކޮތަނުގެ ވަސް މަޑުމަޑުން ކެނޑެމުން ގޮސް އެއްކޮށް ވަސް ކެނޑުނެވެ. ހަމަ ކެނޑުމާ އެކު ކުޑަދޮރުން ވޭރުހުއްޔެއް އެތެރެއަށް ވަނެވެ. އެއީ އުނަގަނޑަށް ހިމަ، ހިމަދިގު، ދިހުންކުލައިގެ، ކުޑަކުޑަ ސޫތްޕެކެވެ. އޭތި ވަންނަމުން، ރަސްކަލެއް ފަދައިން މުޅި ތަނަށް، ބެރުދުންމާރިތާޅަފިލިން އެ ކަން އިއުލާނު ކުރިއެވެ. އެ އަޑު އިވުނީ ހަމަ އެކަނި ރާއިފުއަށެވެ. ބޭއިހުތިޔާރުގައި ރާއިފުއަށް ތެދުވަން ވެސް ތެދުވެވުނެވެ. ޖަދުވާންއަކީ "ރާއިފު" އިންތިހާއަށް އިހުތިރާމު ކުރާ ވެރިއެކެވެ. ހަމަ އެކަނި ވެރިއެއް ނޫނެވެ. ނުހަނު ގާތް މީހެއް ވެސްމެއެވެ.

"ކިހިނެއްވީ؟" ރާއިފު ތެދުވުމުން ނިޒާރު އެހިއެވެ.

"ކަމެއް ނުވޭ!" އެހެން ބުނެފައި ރާއިފު އަލުން އިށީނެވެ.

މޭޒު ކައިރީ ރާއިފު އިނަސް، ވަށައިގެން އެހެން މީހުން ތިއްބަސް، ރާއިފުއަށް ވައްކަޅިން ބެލެނީ ވޭރުހުއްޔަށެވެ. އޭތި އިށީނީ ޓީވީ ރެކުގައެވެ. އެ އެއްޗަށް މުޅި ތަން ސާފުކޮށް ފެނެއެވެ. ނިޒާރު އާއި މުހުސިނާ ފިޔަވައެވެ. ފުރަތަމަ އަމާޒަކީ ނިޒާރުއެވެ. ވީމާ، އެހެން އިނދެފައި އުދުއްސައިނުގަނެ، ނިކަން ބާރަށް ފިޔަގަނޑު ތަޅުވަން ފެށިއެވެ. މުޅި ތަނަށް ތޫލި އަޑެއް ވެރިވިއެވެ. ރާއިފު ނޫން މީހަކަށް އެ އަޑެއް ނީވެއެވެ. އަޑު ނީވުނަސް، އެހެން މީހަކަށް އޭގެ އަސަރު ކުރިއެވެ. ނިޒާރު ބޮލުގައި އަތްއެޅިއެވެ. ދެން ހަދައިލި ގޮތުން ހީވަނީ ނިޒާރުގެ ބޮލުގަ ރިއްސައިލި ހެންނެވެ.

"އަހަރުމެން ގަސްދު ކުރަނީ ރާއިފު... މި ގެއަށް އެއްކޮށް ގެންނަން." ނިޒާރު ބުންޏެވެ.

ރާއިފު ވަރަށް އުފާވިއެވެ. މުހުސިނާ އާއި ދިމްނާ ބުނާނެ އެއްޗެއް ނޭނގިފައި، ހިނި އައިސްފައި ތިއްބެވެ. އަންޖަލް ވީ ރަތްކެވެ. ޝާފިޔާ ގޮނޑިން ތެދުވިއެވެ. އޭނަ ތެދުވީ ކީއްވެގެންތޯ ބަލާކަށް އެކަކު ވެސް ނޫޅެއެވެ. އެންމެން ތިބީ ނިޒާރު ދެން ބުނާނެ އެއްޗެކަށް ވިސްނައިގެންނެވެ.

"އެކަމަކު... ރަށުގަކަން ނޭނގެ އުޅެން ފަސޭހަވާނީ ދޯ؟" ނިޒާރު ބުންޏެވެ. "ވަޒީފާ އަދާކުރާ ތަނާ ވެސް ކައިރިވާނެ. ފޯނުން އަބަދު ވެސް ގުޅޭނެތާ! ރަށުގަ ކޮޓަރިއެއް ހެދުނީމަ އެ ކޮޅަށް ދަރިފުޅު ބަދަލުވާނީ ދޯ؟"

އެއީ މުހުސިނާޔާ މަޝްވަރާ ކުރުމެއް ނެތި ނިޒާރު ނިންމި ނިންމުމެކެވެ. ރާއިފު ހައިރާނެއް ނުވެއެވެ. އިންސާނުންގެ ސިކުނޑިއާ ކުޅެލުމަކީ ޖަދުވާން އެންމެ ފަސޭހަކޮށް ކުރާ އެއް ކަންތަކެވެ. ކުއްލިއަކަށް ނިކަން ބާރު އަޑެއްއިވުނެވެ. އެންމެން ސިއްސައިގެންދިޔައެވެ. ޓީވީ ރެކުގައި އިށީނދެގެން އިން ވޭރުހުލި އޮތީ ވެއްޓިފައެވެ. ކައިރީގައި ޝާފިޔާ، އިލޮށިފަތި ހިފައިގެން ހުއްޓެވެ. ރާއިފު ފުންމައިގެން ތެދުވިއެވެ.

"ކީއް ތި ކުރީ؟" ރާއިފުއަށް ބުނެވުނެވެ. "ތި ކުރީ ކީއް؟"

އެ ވަގުތު، އުދުހިގަތުމަށް ޓަކައި ވޭރުހުލި ފިޔަގަނޑު ތަޅުވައިލިއެވެ. ޝާފިޔާ ދެވަނަ ފަހަރަށް އިލޮށިފަތިން ޖެހިޖެހީނުން ވޭރުހުލީގެ އެކި ބައިތައް ހަށިގަނޑާ ވަކިވަކިކޮށްލިއެވެ. ރާއިފު ދުވެފައި ކަހަލަ ގޮތަކަށް އެ ތަނަށް އައެވެ. އޭރު މާ ލަސްވެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ރާއިފު ހުއްޓެވެ. ޖިންނީން ސިފަ ބަދަލުކޮށްގެން ތިބޭ އިރު، ސިފަ ބަދަލުވާ އެއްޗަކަށް ހިނގާ ހުރިހައި ހުކުމެއް ހިނގާނެކަން "ރާއިފު" އަށް އެނގެއެވެ. އިންސާނަކަށް ބަދަލުވެގެން ތިބޭ އިރު، އިންސާނަކަށް ކުރެވޭ ހުރިހައި އަނިޔާއެއް އެ ޖިންނިއަށް ކުރެވޭނެއެވެ. ތަދު ވެސް ވާނެއެވެ. ޖިންނި ފަދައިން އެ ކިޔާނަކަށް ނުވެސް އުދުހެވޭނެއެވެ. ނުވެސް ގެއްލެވޭނެއެވެ. ގެއްލެން ބޭނުންވިޔަސް ޖެހޭނީ ކޮންމެވެސް އެއްޗެއްގެ ނިވަލަށް، ސިކުންތަކަށް ނަމަވެސް ވަންނާށެވެ. އިންސާނެއްގެ ސިފައަށް ބަދަލުވެގެން މާ ގިނަ އިރު ޖިންނީން ނޫޅޭ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އިންސާނާއަކީ އިސްކޮޅުން ބޮޑު، ދިފާއުވުމުގެ ބާރު ކުޑަ، ފަސޭހައިން އަނިޔާވާ މަހުލޫގެކެވެ.

"ނަސީބެއްނު ކަންފަތަށް ނުވަންކަން!" ޝާފިޔާ ބުންޏެވެ.

ނޭނގި ހުރެ ޝާފިޔާއަށް އެ ކުރެވުނު ކަންތަކާއި އޭގެ ސަބަބުން ދެން ވާނެ ގޮތް ޝާފިޔާއަށް އަންދާޒާ ވެސް ނުކުރެވޭނެކަން ރާއިފުއަށް އެނގެއެވެ. އެކަމަކު، އަލުން ގޮސް ގޮނޑީގައި އިށީނުން ނޫން ކަމެއް ރާއިފުއަކަށް ނުކުރެވުނެވެ. ރާއިފު ހިތަށް އެރިއެވެ. ކައިވެނި ދެން ކުރެވޭނެ ބާއެވެ؟

"ކީކޭތަ އަހަރެން ބުނީ؟" ހަނދާންކުރަމުން ނިޒާރު ބުންޏެވެ. "އާނ! އަހަރެން ބުނީ އަންޖޫ މި ގެއަކުން ނުދާނޭ!"

ކުއްލިއަކަށް ނިޒާރުގެ ވާހަކަ ބަދަލުވިއެވެ. އަންޖަލް ހިތަށް އެރިއެވެ. ކާފަ ކުރިން ބުނީ އެހެން ބާއެވެ؟

"ރާއިފުގެ ބައްޕަމެން ގެނެސް، އަންޖޫގެ ބައްޕަޔާ ވެސް ވާނެ ބައްދަލުކޮށްލަން،" ނިޒާރު ބުންޏެވެ. "އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށް މި ކަން ގެންދަން ވާނީ."

މުޅި މާހައުލު އޮތީ ބަނަވެފައެވެ. ހަމަހިމޭންކަން ވެރިވެފައިވާ ރަށަށް ފައިބާފައި އޮތީ ކަޅު ދުމެކެވެ. ލޮލުކޮޅަށް އޮބައިލަންދެން ކިޔާނުން އެއްވެފައި އޮތެވެ. އެކަކު ވެސް އިސްއުފުލައި ނުލައި، ޖަދުވާންގެ މުޅި ރަށް ހިތާމަކުރަނީއެވެ. ގަނޑުވަރުގެ ކުރިބޯށިތަކުގައި ދިދަ ކަހަލަ ވިހުރޭ އެއްޗެއް ވިހުރިވިހުރި ހުއްޓެވެ. އެއީ ކުރިބޯށީގެ ބައެކެވެ. ހިތާމަވެރި ރަސްމިއްޔާތުތަކުގައި ނޫނީ އެޔެއް ނުފެންނާނެއެވެ. ތަނަށް ފެތުރިފައިވަނީ ވޭނީ އާހެއްގެ އަޑެވެ. ކުމުންޒާންޏާއި ކެލާ އެއްކުރުމުން ދުވާ ކަހަލަ ވަހެކެވެ. އެއް އަޑަކުން ކުރެވެމުން ދިޔައީ ފަރިޔާދެކެވެ. ޖަދުވާންގެ ބަދަލުގައި އެހެން ކޮންމެވެސް ކިޔާނެއްގެ ފުރާނަ ގެންދެވި ނަމައެވެ. އެއް ހާސް ފުރާނަ ގެންދެވިޔަސް ޖަދުވާން އާއި އޭނާގެ ރަސްކަން ދެމެހެއްޓެވި ނަމައެވެ. އޭރު، ވިލާތައް ކަފަމުން ލޮންސިއެއް އަންނަ ފަދައިން ބަރުގާން އުދުހިފައި އައެވެ.

އަތީލާ ކައިރިއަށް ތިރިކޮށްލިއެވެ. ބޮޑުސިންގާ ބިއްލޫރި ރިނދައްޔެއް ކަހަލަ ސަންދޯކެއްގެ ތެރޭގައި ޖަދުވާންގެ ހަށިގަނޑުގެ އެކި ބައިތައް އަތުރާފައި ހުއްޓެވެ. ބައްޕައަށް ބަލަހައްޓައިގެން ހުރި އަތީލާގެ ހިތް އަޑުންއަޑުނަގާ ރޮނީއެވެ. ހަޅޭއްލަވަނީއެވެ. ހިތަށް އެ ވަގުތު ވެރިވެފައިވީ، ހިތާމަ އާއި ނަފުރަތު އެކުވެފައިވާ ޖަޒުބާތެކެވެ.

"އަހަރެން އޭރު ވެސް ބުނިން އިންސާނުންނަށް އިތުބާރު ނުކުރާށޭ، ނުކުރާށޭ!" އެންމެ ގަދީމީ ބަހުރުވައިން ބަތޫރު ބުންޏެވެ. "އަހަރެންގެ ލޯބިވާ ކޮއްކޮ ކިހާ އިހާނެތިކޮށް އެ މަރާލީ؟ ހެޔޮވާނީ ކިހިނެއް؟"

އަތީލާ އެއްޗެއް ނުބުނެއެވެ. ބައްޕައަށް ބަލަހައްޓައިގެން، އިސްޖަހާލައިގެން ހުރީއެވެ. ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދޭން ބަރުގާން ބޭނުމެވެ. އެކަމަކު ކޮންމެ ވާހަކައެއް ބަރުގާން ދެއްކިޔަސް، ބަތޫރު އެ ވާހަކަ އަނބުރައިލާނެކަން ބަރުގާންއަށް އެނގެއެވެ.

"ޔަގީނޭ މިހިރަ ބަރުގާން ހުރިހާ ނުބައެއްހެދީ،" ޔަގީންކަމާ އެކުގައި ބަތޫރު ބުންޏެވެ. "އަހަރެންގެ ލޯބިވާ ކޮއްކޮގެ ބޮލަށް އެރިގެން، އޭނައަށް ވަސްވާސްދީގެން އެ ތަނަށް ވެއްދީ މި ކަލޭގެ. މީނަ ރާވައިގެން ކުރި ކަމެއް އެއީ."

ބަތޫރު އުޅުނީ ބަރުގާންގެ ފިޔަގަނޑު ބިންދައިލާށެވެ. އެހެނަސް، އޭގެ ކުރިން ހަށިފާރަވެރިން ހުރަސްއެޅިއެވެ. ބަރުގާން ފެންކަޅިވެފައި، ޖަދުވާންގެ މެރިފައިވާ ދެލޮލަށް ބަލައިލިއެވެ. ބަރުގާން ހަނދާން ވަނީ ޖަދުވާނަށް ދެވުނު ނަސޭހަތެވެ.

"އިންސާނަކަށް ވެގެން އެ ތަނަށް ދިޔުމަކީ ވަރަށް ނުރައްކާތެރި ކަމެއް،" އިހުތިރާމާ އެކުގައި ބަރުގާން ބުންޏެވެ. "ކަމެއް ވާނީ ބުނެފައެއް ނޫން."

"ބަރުގާން ވެސް ތި ކުރަނީ ހަމަ އެހާ ނުރައްކާތެރިކަމެއް،" ޖަދުވާން އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އަންޖަލްއަށް ޓަކާ އެ ވަރު ކަމެއް އަހަންނަށް ކުރެވެން ޖެހޭނެ. އަހަންނަށް ނޫނީ އެ ކަމެއް ނުވާނެ."

ކަންހި ނގީ އެހެންނެވެ. ހިތާމައަކީ އެ ވަގުތު އެ ތަނުގައި އަތީލާ ނެތް ކަމެވެ.

"އަހަރެން ބޭނުން ވާހަކައެއް..." ބަރުގާންއަށް ބުނެވުނީ އެ ހިސާބަށެވެ.

"މުޅި އާއިލާ އެއްކޮށް ފަނާކޮށްލާނަން،" އަތީލާގެ ބަހުރުވައިން، މަޑުމަޑުން އަތީލާ ބުންޏެވެ. (ނުނިމޭ)