އެލް ކްލެސިކޯގެ ކުރިން ބާސާ އިތުބާރު ހޯދައިފި
އެލް ކްލެސިކޯގެ ކުރިން ބާސާ އިތުބާރު ހޯދައިފި

ބާސެލޯނާ (އޮކްޓޫބަރު 22) - އަންނަ އާދިއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމުގެ ކުރިން ބާސެލޯނާ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ވާދަކޮށް 6-1 އިން ރޭ މޮޅުވެއްޖެ އެވެ.

އެލް ކްލެސިކޯގެ ކުރިން ބާސާ އިތުބާރު ހޯދައިފި
އެލް ކްލެސިކޯގެ ކުރިން ބާސާ އިތުބާރު ހޯދައިފި

މި މެޗުގައި ބާސާގެ ފާމިން ލޮޕޭޒް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އަދި މާކަސް ރަޝްފޯޑް ދެ ގޯލު ޖެހި އިރު އަނެއް ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ލަމީން ޔަމާލް އެވެ.

މެޗުގެ ދެވަނަ ހާފުގައި އޮލިމްޕިއާކޯސްގެ މިޑްފީލްޑަރު ސެންތިއާގޯ ހެޒޭ އަށް ރަތް ކާޑު ދެއްކި އެވެ. އެއީ ބާސާ ދެ ގޯލު ޖަހާފައި ވަނިކޮށް، އޮލިމްޕިއާކޯސް ލަނޑެއް ޖަހައި ފަރަގު ކުޑަކުރިތާ މާ ގިނައިރެއް ނުވެ އެވެ. އެ ޓީމުގެ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

"މެޗު ފެށި އިރު ކޮންމެވެސް ވަރަކަށް އުނދަގޫވި. އެކަމަކު އަހަރެމެންނަށް ހައްގު މޮޅެއް މިއީ. ކޮންމެ ގޯލެއް މުހިއްމު، ކޮންމެ މޮޅެއް ވެސް މުހިއްމު،" ކްލެސިކޯ މެޗަށް ސަސްޕެންޑް ވެފައިވާ ބާސާގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.

"ރެފްރީންގެ ނިންމުންތަކަކީ އަހަރެންނާ ބެހޭ ކަމެއް ނޫން، އެކަމާ ވާހަކަ ދައްކާކަށް ނެތިން. އެންމެ ފުރަތަމަ އަހަރެމެންނަށް މުހިއްމީ މޮޅުވުން. އެއީ ކްލެސިކޯގެ ކުރިން ކުޅުންތެރިންނަށް ލިބޭ އިތުބާރަކަށް ވާނެ. އެއީ ބޮޑު މެޗަކަށް ވާނެ، އެހެންވެ އަހަރެމެންނަށް ވަގުތު ބޭކާރު ކުރެވޭކަށް ނެތް."

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ލީގުގައި ބާސާ ވަނީ މި ސީޒަންގެ ފުރަތަމަ ބައްޔާ ކުރިމަތިލައިފަ އެވެ. ނަމަވެސް މި މެޗުގެ ކުރިން ބާސާ ވަނީ ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުން އުނދަގޫ މޮޅެއް ހޯދައިފަ އެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި މިވަގުތު ދެ ޕޮއިންޓްގެ ތަފާތަކުން އޮތީ ރެއާލް އެވެ. އެލް ކްލެސިކޯ މެޗުން މޮޅުވެގެން ބާސެލޯނާއަށް ލީގު ތާވަލްގެ އެންމެ ކުރިއަށް ޖެހިލެވޭނެ އެވެ.