އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ
އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ

މަދިރި ނޫޅޭ މަދު ތަންތަނުގެ ތެރޭގައި ހިމެނޭ އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ އެވެ.

އައިސްލޭންޑްގެ ނެޗުރަލް ސައިންސް އިންސްޓިޓިއުޓްގެ އެންޓޮމޮލޮޖިސްޓް މެތިއަސް އަލްފްރެޑްސަން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ވެރިރަށް ރެއިކްޖާވިކްގެ އުތުރުން 30 ކިލޯމީޓަރު ދުރުން 'ކުލިސެޓާ އެނޫލާޓާ' ގެ ތިން މަދިރި ފެނިފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އަންހެން ދެ މަދިރި އާއި ފިރިހެން މަދިރިއެކެވެ.

މި ހުރިހާ މަދިރިއެއް ވެސް ފެނުނީ ބަޅިނދު އަދި ފޮނިތަކެއްޗަށް ދޯޅު ފަނިފަކުސަ ގެންނަން، ވައިން އިން ތެންމުމަށް ފަހު އެލުވާފައިވާ ހުންނަ "ވައިން ރޯޕް" އިން ކަމަށް ރިސާޗަރު އޭއެފްޕީއަށް ފޮނުއްވި މެއިލްގައި ލިޔުއްވާފައިވެ އެވެ.

އެންޓާޓިކާއެކޭ އެއްފަދައިން އައިސްލޭންޑަކީ ވެސް މަދިރި ނެތް މަދު ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

"މިއީ އައިސްލެންޑުގެ ގުދުރަތީ މާހައުލުން މަދިރި ފެނުނު ފުރަތަމަ ފަހަރު. މީގެ އެތައް އަހަރެއް ކުރިން ކެފްލަވިކް އެއާޕޯޓުގައި އޮތް މަތިންދާބޯޓަކުން އީޑީސް ނިގްރިޕްސް ސްޕެސިމަން (އާކްޓިކް މަދިރީގެ ބާވަތެއް) ފެނުނު. އެކަމަކު އޭގެ ސްޕެސިމަން ވަނީ ގެއްލިފައި،" އަލްފްރެޑްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިސްލެންޑަށް މަދިރި ދިޔައީ ކޯގޯ ބޯޓުތަކާއި ކޮންޓެއިނަރުތައް ފަދަ ތަކެތިން ކަމަށް ބެލެވޭ ކަމަށެވެ. ހޫނު ގަދަވުމަކީ ވެސް މަދިރި ގިނަވާ ސަބަބަކަށް ވެދާނެ ކަމަށް ބެލެވުނަސް އައިސްލެންޑުގައި އެ ފުރުސަތެއް ވެސް ނެތެވެ.